ޖެނުއަރީ މަހު ލިބުނު އާމްދަނީ އިތުރުވެއްޖެ

ޖެނުއަރީމަސް ނިމުނުއިރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ސަތާރަ ޕޮއިންޓް ހަތަރެއް އިންސައްތަ އިތުރުވެއްޖެއެވެ. ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ މަހުގެ މާލީ ރިޕޯޓުގައިވާގޮތުނ...

01 Mar 2019 | 09:32

ޖެނުއަރީމަސް ނިމުނުއިރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ސަތާރަ ޕޮއިންޓް ހަތަރެއް އިންސައްތަ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ މަހުގެ މާލީ ރިޕޯޓުގައިވާގޮތުން ޖެނުއަރީމަހު ދައުލަތަށް ދޭއް ޕޮއިންޓް ނުވައެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހު ދައުލަތަށް ލިބުނު ދޭއް ޕޮއިންޓް ހަތަރެއް ބިލިއަން ރުފިޔާގެ އާމްދަނީއަށްވުރެ އިތުރު އަދަދެކެވެ.

އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާއިރު، މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހުސްވި އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު، ހައެއް ޕޮއިންޓް ފަހެއް އިންސައްތަ އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ފަންސާސް ނުވައެއް ޕޮއިންޓް ދޭއް މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ހުސްވި އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު ހަތާވީސް އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރުގެ ޚަރަދުތައް ދަށަށް ގޮސްފައިވާކަމަށް ބެލެވެނީ، އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް ކޮށްފައިވާ ޚަރަދުތަކާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ ޕްރޮޖެކްޓްތަކަށް އެމުއްދަތުގައި ސަރުކާރުން ކޮށްފައިވާ ޚަރަދުތައް ދަށްވެފައިވުމުންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޖެނުއަރީމަހު ދައުލަތުން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ސަރުކާރު މުވައްޒަފުންގެ މުސާރައާއި އެލަވަންސްތައް ދިނުމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ މަހު ސަރުކާރު މުވައްޒަފުންނަށް އެލަވަންސްތައް ދިނުމަށް ދުއިސައްތަ ނުވަދިހަ މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ހުސްވި އަހަރުގެ ޖެނުއަރީމަހު މުވައްޒަފުންނަށް އެލަވަންސްގެ ގޮތުގައި ޙަރަދުކޮށްފައިވާ އަދަދާއި އަޅާ ބަލާއިރު ބާރަ އިންސައްތަ އިތުރު އަދަދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް