ހެލުމެޓުގެ ޝަރުތުތައް ހާމަކޮށްފި

ބުރިޖާއި ހައިވޭގައި މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލުމެޓު އަޅަން މަޖުބޫރުކުރާއިރު ހެލުމެޓުގައި ޝަރުތުތައް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ހާމަކޮށްފިއެވެ. އިންޖީނު ލީ އެއްގަމު އުޅަނދު ދުއްވަންވ...

01 Mar 2019 | 06:35

ބުރިޖާއި ހައިވޭގައި މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލުމެޓު އަޅަން މަޖުބޫރުކުރާއިރު ހެލުމެޓުގައި ޝަރުތުތައް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ހާމަކޮށްފިއެވެ.

އިންޖީނު ލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވައިދު އިސްލާހުކޮށް އިއްޔެ ގެޒެޓު ކޮށްފައިވާއިރު ބުނެފައިވަނީ 30 ކިލޯ މީޓަރަކަށް ވުރެ ބާރަށް ދުއްވަން ޖެހޭ ހިސާބުތަކުގައި ހެލްމެޓް އެޅުމަށް މަޖުބޫރު ކަމަށެވެ.

ބުރިޖާއި ހައިވޭގައި ހެލުމެޓު އެޅުން މި މަހުގެ 10 އިން ފެށިގެން މަޖުބޫރު ކުރި ނަމަވެސް އެ ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ކަމަށް ބުނެފައިވެއެވެ.

ގެޒެޓު ކޮށްފައިވާ އެ ގަވާއިދުގައި ބުނެފައިވާގޮތުގައި "އޭ 1 އާއި އޭ 0" ކެޓަގަރީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ދުއްވާ މީހާ އާއި ފަތުގައި އިންނަ މީހާ އަޅަން ޖެހޭ ހެލުމެޓުގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހެއެވެ.

އެގޮތުން ބޮލަށް ހެޔޮވަރު ހެލުމެޓަކަށް ވުމާއި ދަތްދޮޅިދަށުން ހަރުކުރެވޭގޮތަށް ހާއްސަ ކަމަރެއް ހަރުކޮށްފައިވާ ހެލްމެޓަކަށް ވުމާއި  ހެލްމެޓާއި އޭގައި ބޭނުންކޮށްފައިވާ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހަރުކޮށްފައި ނެތުމާއި ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ވުމާއި ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކުރީނަކީ މޫނުފެންނަ މެޓީރިއަލަކުން ހަދާފައި ހުންނަ ސްކްރީނަކަށް ވުމާއި ހެލްމެޓުގެ ކުލައަކީ ލޮލަށް އުނދަގޫ ނުވާފަދަ ކުލައަކަށްވުމުގެ އިތުރުން ހެލްމެޓު އެޅުމުން ކާކުކަން ނޭންގޭގޮތަށް މޫނު ނުފޮރުވޭ ހެލްމެޓަކަށް ވުން ހިމަނާފައިވެއެވެ.

ގަވާއިދުގައި ބުނެފައިވާގޮތުގައި އެ އުސޫލާ ހިލާފަށް ދުއްވާ ފަރާތްތައް ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ދެވަނަ ފަހަރު 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އޭގެ ފަހުން ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް