މިޔަންމާ އިން އަންނަ ރެފިއުޖީންނަށް އިތުރަށް ފުރުސަތު ދެވެން ނެތް ކަމުގައި ބަންގްލަދޭޝް އިން ބުނެފިއެވެ. ބަންގަލަދޭޝް އިން މިހެން ބުނެފައިވަނީ އދ ގެ ސެކިއުރިޓީ ކައުންސިލްގައެވެ.
ބުރާސްފަތި ދުވަހު އދ ގެ ސެކިއުރިޓީ ކައުންސިލުގައި ވާހަކަ ދައްކަމުން ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ޝާހިދުލް ހަޤު ވިދާޅުވީ މިހާރުވެސް އެތައް ހާސް ރެފިއުޖީންނެއް އެ ގައުމުގައި ތިބި އިރު އެ ކަމުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަމަށެވެ.
ބަންގްލަދޭޝްގެ ވަގުތީ ކޭމްޕުތަކުގައި މިޔަންމާއިން ހިޖުރަކޮށްފައިވާ ހަތް ލައްކައަށްވުރެ ގިނަ ރެފިއުޖީން އެބަ ތިއްބެވެ. 2017 ވަނަ އަހަރު މިޔަންމާގެ ރަކީން ސްޓޭޓުގެ ރޮހިންގާއިން އެތައް ލައްކަ މުސްލިމުން ބަންގްލަދޭޝް އަށް ހިޖުރަ ކުރިއެވެ.
އިތުރަށް ރެފިއުޖީންނަށް ފުރުސަތު ދެވެން ނެތްކަމުގައި ބަންގްލަދޭޝް އިން ބުނެފައިވާއިރު މިހާރު ބަންގްލަދޭޝްގައި ތިބި ރެފިއުޖީން އަނބުރާ މިޔަންމާއަށް ގެންދިއުމަށް މިޔަންމާ އާއި ބަންގްލަދޭޝް އާއިމެދު އެއްބަސްވުމަކަށް ދިޔައެވެ. ނަމަވެސް އދ އިން އެކަމާ އަންނަނީ ދެކޮޅު ހަދަމުންނެވެ. ސަބަބެއް ކަމަށް ބުނަނީ އަލުން އަނބުރާ މިޔަންމާއަށް ދާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ނުވުމެވެ.
2017 ވަނަ އަހަރު އެތައް ލައްކަ ރެފިއުޖީންނެއް މިޔަންމާއިން ބަންގްލަދޭޝްއަށް ދިޔައީ މިޔަންމާގެ ސަރުކާރާއި ސިފައިންނާއި ބުދު ދީނުގެ އަހުލުވެރިން ގުޅިގެން މިޔަންމާގެ މުސްލިމުން ފާޅުގައި މަރާ، އެމީހުންގެ ގެތައް އަންދަން ފެށުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް