ކާށިދޫ ކަނޑަށް ދޯންޏެއް އަޑިއަށްގޮސް ގެއްލިއްޖެ

މާލެއިން ފުރައިގެން ޅ.ކުރެންދޫއަށް ދަތުރުކުރި ދޯންޏެއް ކ.ކާށިދޫ އިރުދެކުނުން ހަތަރު މޭލު ބޭރަށް އަޑިއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން ބުނެފައިވަނީ "ގިޓާނާ 1" ނަމަކަށ...

01 Mar 2018 | 15:41

މާލެއިން ފުރައިގެން ޅ.ކުރެންދޫއަށް ދަތުރުކުރި ދޯންޏެއް ކ.ކާށިދޫ އިރުދެކުނުން ހަތަރު މޭލު ބޭރަށް އަޑިއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ "ގިޓާނާ 1" ނަމަކަށް ކިޔާ މިދޯނި އަޑިއަށްދިޔަ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު އިރުއޮއްސި 17:55 ހާއިރު ލިބުމާ ގުޅިގެން ކ.ކާށިދޫގެ ސީ އެމްބިއުލާންސް ވަނީ އެސަރަހަށްދަށް ފޮނުވާލެވިފައި ކަމަށެވެ. ސީ އެމްބިއުލާންސް އެސަރަހައްދަށް ގޮސް ބެލި ބެލުމުން އަޑިއަށްދިޔަ ދޯނީގެ އެއްވެސް ޚަބަރެއް ވެފައެއް ނުވާ ކަމަށެވެ.

"މިހާދިސާ ހިނގިއިރު އެ ދޯނިން ދަތުރުކުރީ ދިވެއްސަކާއި ތިން ބިދޭސީންނާއެކު ޖުމްލަ ހަތަރު މީހުންނެވެ. މިދޯނި އަޑިއަށް ދިޔައީ ދިޔަވެ ޕަންޕު ޖެހުމުން ވެސް ދިޔަގަނޑު ކޮންޓްރޯލް ނުކުރެވިގެން ކަމަށް ދޯނީގެ ކެޕްޓަން ވަނީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައި ވެއެވެ." އެމްއެންޑީއެފުން ބުނެފައި ވެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މިދޯނި އަޑިއަށްދާން ފެށުމުން ދޯނިން ދަތުރުކުރި މީހުން ވަނީ އެސަރަހައްދުން ކ.ގާފަރަށް ދަތުކުރަމުންދިޔަ "މަލަސް މެލޮޑީ" ނަމަކަށް ކިޔާ ދޯންޏަކަށް އަރާފައި ކަމަށާއި އަޑިއަށް ދިޔަ ދޯނިން ދަތުރުކުރި މީހުން މިހާރު ވަނީ ކ.ކާށިދޫ އަށް ގެންގޮސްދީފައި ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށާއި ވީމާ، މި ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް