އުފަންވުމުން... 18 ވަނަ ބައި

" ކި..ކި..ކިހިނެއް...؟ " " އަހަން ތި އުޅެނީ ކިހިނެއްހޭ މަށަށް އެނގުނީ.. އެހެންނު؟ " ހަމްޒަތަށް ފުރިހަމަ ނުކުރެވިގެން އުޅުނު ޖުމްލަ ހާމިދު ފުރިހަމަ ކޮށްލަދިނެވެ. " ކަލޭމެން ކިތަންމެ ބޮޑާވެފައި ތިއްބަސް...

01 Mar 2018 | 05:51

" ކި..ކި..ކިހިނެއް...؟ "

" އަހަން ތި އުޅެނީ ކިހިނެއްހޭ މަށަށް އެނގުނީ.. އެހެންނު؟ " ހަމްޒަތަށް ފުރިހަމަ ނުކުރެވިގެން އުޅުނު ޖުމްލަ ހާމިދު ފުރިހަމަ ކޮށްލަދިނެވެ.

" ކަލޭމެން ކިތަންމެ ބޮޑާވެފައި ތިއްބަސް ކަލޭމެން އެންމެންގެ ދުވަސް ދުއްވާލާވަރުގެ މީހެއް މިހާރު މި ރަށުގައި އެބަހުރިކަން ދަންނަންވެއްޖެ އިނގޭ... ހަމްޒަތު ވިސްނާލަބަލަ ނިކަން. އެ ދުވަހު އައިމަން ކަލެއަށް ހެދިގޮތް. އޭނަ ކަލޭގެ އަތުގައި ހިފެހެއްޓި ތަނުގައި ދިލަނަގާ ރިއްސާ ނުވޭތަ؟ އޭނާ ކަލޭ ބިންމައްޗަށް ނަގާ ޖެހިގޮތް ހަނދާނެއް ނުވޭތަ؟ އެކަމުން ކަލޭގެ ގައިގާ އެޅިވޭން މިހާ އަވަހަށް ހަނދާން ނެތުނީ؟ "

ހާމިދުގެ ވާހަކަތައް އިވުމުން ހަމްޒަތުގެ ހައިރާންކަން ވީ އިތުރެވެ. އާނއެކެވެ. ފެންނަން ހިސާބުގައި ހާމިދު ހުރިކަމަށް ވަންޏާ އޭނާއަށް ވެސް އައިމަން އޭނާގެ އަތުގައި ހިފާ ބިންމައްޗަށް ގުޅައަކަށް ޖެހި މަންޒަރު ފެނިދާނެއެވެ. އަދި އެކަން ކިޔައިދޭން ވެސް އެނގިދާނެއެވެ. އެއީ ހައިރާންވާން ޖެހޭވަރުގެ ކަމެއްވެސް ނޫނެވެ. އެހެނަސް، އެ ދުވަހުގެ އެ ހާދިސާއަށްފަހު އަތުން ދިލަނަގާ ރިއްސި ވާހަކައާއި ގައިގާ އަޅަމުން ދިޔަ ވޭނުގެ ވާހަކަ ހަމްޒަތު އެއްވެސް މީހަކާ ހިއްސާ ނުކުރާކަން އޭނާއަށް ކަށަވަރުވެ ޔަޤީންވެއެވެ. ވީއިރު، އެކުވެރިންނާ ވެސް ހިއްސާ ނުކުރާކަމެއް ހާމިދަށް އެނގުމުން ހަމްޒަތަށް ހައިރާންކަން ނުލިބި ހުންނާނެ ހެއްޔެވެ؟

" ކަލޭތީ ކާކު؟ ކަލޭތީ ހާމިދެއް ނޫން.. ކިހިނެއް ކަލެއަށް ތި ހުރިހާ ކަމެއް އެނގޭނީ؟ ކޮބާ ކަލޭގެ ބޭނުމަކީ؟ "

ހާމިދު ދެއްކި ވާހަކަތަކާމެދު ވިސްނާ ފިކުރު ކޮށްލުމުން ހަމްޒަތުގެ ހިތުގައި އޮތް ނުތަނަސްކަމާއި ހާސްކަން ބިރުވެރިކަމަކަށް ބަދަލުވެއްޖެއެވެ. ބިރެއް ފެނިގެން އުޅޭފަދަ ގޮތަކަށް ފަހަތަށް ފިޔަވަޅު އަޅަމުން އޭނާ ފައްޗަކަށް ހާމިދުއަށް ސުވާލުތައް އޮއްސާލިއެވެ.

" ހަމްޒަތު ހަމަޖެހިބަލަ.. ތި ހީކުރާކަހަލަ ނުބައެއްނެތޭ.. މިއީ ހަމަ މިރަށު އެންމެން ދަންނަން މަޝްހޫރު ވަރުގަދަ ސިހުރުވެރިޔާ ހާމިދުބެއޭ.. ފުރަތަމަ މަގޭ ވާހަކަ އަޑުއަހާބަލަ ހަމަޖެހިގެން. މަމި އައީ ހަމްޒަތުގެ ކިބައިން ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވެގެންނޭ.. "

ހާމިދު މަޑުމައިތިރިކަމާއެކު، ހަމްޒަތަށް ވިސްނައިދޭން ވާހަކަ ދައްކަމުންދިޔަ ގޮތުންނާއި ދައްކަމުންދިޔަ ވާހަކަތަކުން ހަމްޒަތު ހަމައަކަށް އެޅުނެވެ. އަދި ހާމިދަށް އިށީންނަށް އިޝާރާތްކުރަމުން އޭނާގެ ކުރިމައްޗަށް ވާގޮތަށް ގޮނޑިއެއް ބަހައްޓައި އިށީންދެ ހަމަޖެހިލިއެވެ.

" މަބުނާ ގޮތަށް ކަންކުރާނަންތަ؟ އެހެން ކަމަށްވަންޏާ އެންމެ ފުރަތަމަ ވެސް މިތާ މިތިބަ އެންމެން ކައިރީގަ ބުނޭ މިތަނުން ނުކުންނާށޭ؟ " އެކުވެރިންތައް ނެރެ، އެކަނި މާއެކަނި ހާމިދާއެލި އެތާންގައި އިނުމަށް އެދުމުން ހަމްޒަތަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ލިބުނެވެ. އޭނާ ހާމިދުގެ މޫނަށް ބަލައިލީ ސުވާލާއި ޝައްކުގެ ނަޒަރަކުންނެވެ. ހާމިދުގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ހަމްޒަތުގެ މޫނަށެވެ. ހަމްޒަތު އިރުކޮޅަކު ވިސްނަން އިނުމަށްފަހު އޭނާގެ އެކުވެރިންނަށް އިޝާރާތްކޮށްލުމުން ފާޑަކަށްތިބެފައި، އޭނާގެ އެކުވެރިންތައް އެ ފަޅުގެއިން ނުކުމެއްޖެއެވެ.

" އަމްނާ އަހަންނަށް ވަރަށް ބޮޑު ކުށެށް ކުރެވިއްޖެ.. ވަރަށް ބޮޑު ފާފައެއް ކުރެވިއްޖެ.. އެކަމުގެ ނުބައިކަމުގެ ސަޒާ އަހަންނާ ކުރިމަތިވާކަމުގެ ބިރު އަހަންނަށް އެބަހީވޭ.. އަމްނާ އަހަންނަށް މާފުކުރޭ.. " ކަންކަމާ ފިކުރުކޮށް ހާސްކަމާއި ނުތަނަވަސްކަމުން ފުރެމުންދާ ނާއިލްގެ ހިތަށް އަދު ކެތްނުވީއެވެ. ކެއްތެރިކަން ކޮޅުންލީއެވެ. ލިބެމުންދާ ހިތްދަތިކަމާއި ވޭނާއި، ކުރިމަތިވަމުން އަންނަ ބޮޑު އިމްތިޙާނާ ކުރިމަތިލާހާ ހިއްވަރު އަދު އޭނާގެ ކިބައިގައި އެބަހުރިބާވައެވެ؟

ކޮންމެއަކަސް، އޭނާ އިންތިހާއަށް ލޯބިވާ އޭނާގެ އަނބިމީހާ އަމްނާގެ އުނގުގައި ބޯއަޅާލައިގެން ރޭގަނޑުގެ ހަމަހިމޭން މި ވަގުތު ލޮލުން ކަރުނަ އޮހޮރަމުން އެގެންދަނީ އޭނާއަށް ކެތްނުވީމައެވެ. އަމްނާ އެނދުގައި އިށީންނުމާއެކު، އޭނާ އައިސް އަމްނާގެ އުނގުގައި ބޯއަޅަމުން އޮށޯއްވެލީ ވެސް ފިކުރު ބޮޑުވެފައިވާކަން ހާމަކޮށްދޭ މޫނަކާއެކުގައެވެ. އެއަށްފަހު ލޯމަރާލައިގެން އޮވެ އޭނާ ކުރެހިފައިވާ އަޑަކުން ހާމަކުރަމުން ދިޔަ ހިތްދަތިކަމުގެ ބަސްތަކާއެކު، މަރާލެވިފައިވާ އެ ދެ ލޮލުން ކަރުނަ އޮހޮރިގަތީއެވެ. އެއްވެސް ހިފެހެއްޓުމެއްނެތިއެވެ.

ނާއިލްގެ މިހާލު ފެނިމާއެކު، އަމްނާއަށް ވެސް ރޮވިއްޖެއެވެ. ނާއިލްގެ އުފާވެރި މަޖާ މިޒާޖަށް މިވީ ކިހިނެއް ހެއްޔެވެ؟ އޭނާ އެއްވެސް ކަމަކާ ފިކުރު ބޮޑުވެ ހާސްވެގެން އުޅޭކަމެއް މީގެ ކުރިން އެނގިފައެއް ނެތެވެ. ވީއިރު ކުއްލިއަކަށް މިއަދު މާފަށް އެދި އެ ދައްކަން ފެށީ ކޮންފަދަ ވާހަކަތަކެއް ހެއްޔެވެ؟ އަމްނާ އޮޅުންފިލުވަން ބޭނުންވިއެވެ. އެހެނަސް އޭނާ އިސްކުރީ ބުއްދިއެވެ. މި ވަގުތު ނާއިލް ހަމައަކަށް އެޅުވުން މާމުހިންމެވެ. އެކަމަށް ބޭނުން ވަނީ ހަމަހިމޭންކަމެވެ. އޯގާތެރިކަމާއި ލޯތްބެވެ. އަޅާލުމާއި ކުލުނެވެ. އަމްނާފަދަ ވިސްނޭ އަންހެން ކުއްޖަކަށް އެކަން ވިސްނުނަސް ގިނަ މީހުނަށް އަނެކާގެ އިޙުސާސާއި، ވިންދާއި، ޝުޢޫރުތަކަށް އިޙުތިރާމްކުރަން ނޭނގޭކަމީ ހިތި ހަގީގަތެވެ. ތިމާ ބޭނުންވާ ގޮތަށް ތިމާ އެއިރަކު ހިތްއެދޭ ގޮތަށް އަމަލުކޮށްލުމީ ގިނަ މީހުންގެ އާދައެވެ. ހުންގާނު ސީދާކޮށް މިސްރާބު ހިފަން ނޭނގި، އޮޔާއި ވަޔާއެކު ފަހަރަކު އަތަކަށް އެނބުރޭ އޮޑިއެއްގެ މިސާލުގައެވެ.

އަމްނާ އޭނާގެ އުނގުގައި ބޯއަޅާލައިގެން އޮތް ނާއިލްގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލިއެވެ. އަދި ކުރިމައްޗަށް ގުދުވެ، ނާއިލްގެ ހަށިގަނޑުގައި މަޑުމަޑުން ބައްދާލިއެވެ. އަމްނާގެ މި ލޯތްބާއި އޯގާތެރިކަމުގެ ހަރަކާތާއެކު ނާއިލަށް ލޯ ހުޅުވާލެވުނެވެ. ހަމަ އެއާއެކު އޭނާގެ ލޮލުން އަނެއްކާ ވެސް ހިފެހެއްޓުމެއް ނެތް ކަރުނަ އޮހިގަތެވެ. އަމްނާ މިހާ ލޯބިވާއިރު، މިހާ އޯގާތެރިއިރު، އޭނާ ހުރިހާ ހަގީގަތެއް އަމްނާއަށް ކިޔައިދޭނީ ކިހިނަކުން ހެއްޔެވެ؟ އަމްނާއަށް އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅުމަށް ދެން އަންނާނީ އަނެއްކާ ކޮންފަދަ ތޫފާނެއް ހެއްޔެވެ؟ އަމްނާގެ ތުންފަތް ނާއިލްގެ ތުންފަތުގައި ބީހިލުމާއެކު، އޭނާ އަނެއްކާ ވެސް މަޑުމަޑުން ލޯމަރާލިއެވެ.

ހަނދުވަރު އެންމެ ފުރިހަމަ ސާދަވިލޭރެއެވެ. ހަނދުވަރުގެ އަލިކަމުގައި ނާއިލް އަމްނާއާއެކު ރަށުގެ ދިގު ދޮންވެލި ތުނޑީގައި ވަގުތު ހޭދަކުރަމުން ދަނީއެވެ. އުފާވެރިކަމާއެކުގައެވެ. ނާއިލްގެ އުނގުތެރޭގައި ބޮނޑިވެގެން އަމްނާ އިންއިރު، ހަނދުގެ ރިހި އަލިކަން ވެސް އެ ދެ މީހުންގެ ލޯބީގެ މެހެފިލް ފަޅުފިލުވާލަދޭން ވީވަރަކުން މަސައްކަތް ކުރާކަހަލައެވެ. ހިމުން ދޮންވެލި ގޮނޑުދޮށަށް ބީއްސަމުންދާ ކުދިކުދި ރާޅުތަކުން އުފެދިފައިވަނީ މަޑުމަޑު މިއުޒިކީ ރާގެކެވެ.

ނާއިލް މަޑުމަޑުން އަމްނާގެ ފުރަގަހުން ވާއަތު ކޮނޑުމަތީގައި ދަތްދޮޅި ވިއްދާލިއެވެ. އެއާއެކު އަމްނާގެ ކޮލުގައި ބޮސްދިނެވެ. އަދި އަމްނާ ނާއިލްގެ މޫނާ ދިމާއަށް މޫނު ކުރިމަތި ކުރުމުން މޫނު އިތުރަށް ކައިރިކޮށްލިއެވެ. އެހެނަސް އަމްނާ ދެ މީހުންގެ ތުންފަތުގެ ދެމެދަށް އިނގިލި ހުރަސްކޮށްލައި ލާނަތް ހިނިގަނޑެއް ޖަހާލުމަށްފަހު، ނާއިލްގެ އުނގުތެރެއިން ވީއްލިގަނެގެން ދުއްވައިގަތެވެ. އަމްނާގެ މި އަމަލާއެކު ހެމުން ހެމުން ނާއިލް ވެސް އަމްނާގެ ފަހަތުން ދުއްވައިގަތެވެ.

ނާއިލްގެ ދުވުމަށް ހުއްޓުން އެރީ އަމްނާ ހުއްޓި ފަހަތް އެނބުރި ބަލައިލުމުންނެވެ. އޭނާގެ މޫނުގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. އެ ލޯބި މޫނުން ބިރުވެރިކަން އިންތިހާއަށް ފެނެއެވެ. ނާއިލްގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެހެނަސް ހަދާނެ ގޮތެއް ނޭނގި ހުރި ފިޔަވަޅުގެ މަތީގައި ހުއްޓާ ދެން ފެނިގެން ދިޔައީ ބިރުން ފިއްކަނޑައިގެންދާފަދަ މަންޒަރެކެވެ. ހިތް ކުދިކުދި ކޮށްލާފަދަ ހިތާމަވެރި ކަމެކެވެ. ބިޔަ އިފުރީތެއްގެ ހަށިގަނޑުގައި ހުރި އައިމަންގެ ހައިހޫނުކަން ފިލުވާލި މަންޒަރެވެ. ތޫނުތޫނު ދަތްތައް އަމްނާގެ ކަނދުރާ ތޮރުފާލިއެވެ. ދުނިޖަހާފައި ލޭ އަންނަންފެށިއެވެ.

"އަމްނާ..." އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުމާއެކު ނާއިލަށް ހޭލެވުނެވެ. ހަމަ އެއާއެކު ފުންމައިގެން ކަހަލަ ގޮތަކަށް އެނދުން ތެދުވެވުނެވެ. އޭނާގެ ނޭވާ ވަނީ ކުރުވެ އަވަސްވެފައެވެ. މުޅި މީހާ ވަނީ ދާހިއްލާ ތެމި ފޯވެފައެވެ. އެނދުމަތީގައި އޮތް އަމްނާއަށް ނާއިލް ބަލައިލިއެވެ. ނުލާހިކު އަރާމު ނިދީގައި އަމްނާ އޮތެވެ. ނާއިލް ފާޚަނާއަށްވަދެ މޫނުދޮވެލައި، ހާސްކަން ފިލުވާލައި ހަމަޖެހިލުމަށްފަހު އަނެއްކާ ވެސް އެނދުގައި އޮށޯއްވެއްޖެއެވެ. އަދި އަމްނާގެ ގައިގައި ނުހަނު ލޯތްބާއެކު ބާރަށް ބައްދާލަމުން، ނިދި ލިބޭތޯ ލޯމަރާލިއެވެ.

އާދައިގެ ފަތިހެކެވެ. ޖައްވުގައި ހިފާފައިވާ ތެތް ފިނިކަމުން އެތައް ބަޔަކު އަރާމު ހޯދަމުން ދިޔައެވެ. މޯޅިއަކަށް ދެމިލަމުން ނާއިލާ އެނދުން ތެދުވިއެވެ. އެނދު ކައިރީގައި ހުރި އަންނައުނުތައް ނަގަމުން ހިގައިގަތީ ފާހަނާއާ ދިމާއަށެވެ. އެހެނަސް ހަމަ އެ ހިނދު ހީވި ހީވުމެއް ކަށަވަރު ކުރަން އޭނާ އެނބުރި އެނދަށް ބަލައިލިއެވެ. އެނދުގައި އެއްވެސް ނިވާކަމެއް ނެތި އޮތް އައިމަންއަށް ފުން ނަޒަރަކުން ބަލާލިއެވެ. އައިމަންގެ ހަށިގަނޑު ވަނީ މީގެ ކުރިން ނާއިލާ ނުދެކޭފަދަ ގޮތެއްގައެވެ. އަތާއި ފައިގެ ނާރުތައް ވަނީ ފުފި އަރާފައެވެ. މުޅި ހަށިގަނޑު ނޫފައިގެންފައިވާ ކަހަލައެވެ. އެހެނަސް މޫނުގައި ވަނީ އާދަޔާ ޚިލާފު ރަތްކަމެކެވެ. ނާއިލާގެ ހިޔާލު ބަދަލުވިއެވެ. އައިމަންގެ ކިބައިގައި މިފަދަ ތަފާތެއް ވަނިކޮށް އޭނާ ކުރިން ދެކެފައެއް ނުވެއެވެ. ހުރިހާ ހަގީގަތެއް އެނގުނަސް މިއީ އަދި ނުފެންނަ ތަފާތެކެވެ. އަނެއްކާ މިއީ ކޮންފަދަ ކަމެއްބާވައެވެ؟

ނާއިލާ އޭނާގެ އަތުގައިހުރި އަންނައުނުތައް ކޮޓަރީގައި ހުރި ގޮނޑިއެއްގެ މަތީގައި ބަހައްޓާލިއެވެ. އަދި ތުވާލި ނަގައި ހަށިގަނޑު ނިވާކޮށްލަމުން، ކޮޓަރިން ނުކުތެވެ. މައިގޭތެރޭގައިވާ ކަލަންޑަރަށް ނަޒަރު ހުއްޓާލިއެވެ.

" 25 މާރޗް 2013، މިއަދު 13 ޖުމާދަލްއައްވަލް. އެހެންވީމާ މިރޭ މިއީ 14 ވިލޭރޭތާ.. "

ނާއިލާއަށް ހިތާހިތުން ކިޔައިލެވުނެވެ. އެއާއެކު އޭނާގެ ހިތުގައި ނުތަނަވަސްކަން އުފެދިއްޖެއެވެ. ހިތް ބިރުގަންނަން ފަށައިފިއެވެ. މިރޭ ކުރިމަތިވާނީ ކޮންފަދަ ބޮޑު ކަންތައް ގަނޑަކާބާވައެވެ؟ ކަންކުރަން ޖެހޭނީ ކޮންފަދައަކުން ބާވައެވެ؟ އައިމަންގެ ކިބައިގައި މިހާރު އެވާ ތަފާތު ގުޅިފައި ވަނީ މިރެއާ ނޫންބާވައެވެ؟ ކޮންމެއަކަސް، ނާއިލާއަށް އައިމަންއާ ވާހަކަ ދެއްކުން ނޫން ގޮތެއް ނުފެނުނެވެ. އެނޫން މަގެއް ނުމެ ނެތްމެއެވެ.

ކޮޓަރިއަށް ވަދެވުމާއެކު ފުރަތަމަ ވެސް ނާއިލާގެ ނަޒަރު ގޮސް ހުއްޓުނީ އައިމަންއަށެވެ. އަރާމު ނިންޖެއްގައި އައިމަން އޮތްއިރު ކުރިން ވެސް ފެންނަންހުރި ކަންތައްތައް އައިމަންގެ ހަށިގަނޑުގައި އަދިވެސް ފެންނަން އެބަ ހުއްޓެވެ.

" މަ ވެސް ފެންވަރާނަމޭ.. " ނާއިލާ ފާހަނާއާ ދިމާއަށް ހިނގައިގަތުމާއެކު އައިމަންގެ އަޑު ފުރަގަހުން އިވިގެން ދިޔައެވެ. ނާއިލާ އެނބުރި ބަލައިލިއިރު އައިމަން ހުރީ އެނދުން ތެދުވެއެވެ. ލޯބިން ފުރިގެންވާފަދަ ހިނިތުންވުމަކާއެކުއެވެ. އަންނާށޭ ބުނަމުން ނާއިލާ ފާހަނާއަށް ވަނީ ތުވާލި މުށިތައް މައްޗަށް ދޫކޮށްލަމުންނެވެ.

" ފެންކޮޅެއް.. "

ބަލިއަޑަކުން، ފެން ފޮދެއް ދިނުމަށްއެދި ހަމްޒަތު ހާމިދުގެ ކިބައިން އަނެއްކާ ވެސް އެދުނެވެ. އޭނާގެ މޫނުމަތިންނާއި ހަށިގަނޑުން ފެންނަނީ ލޮޑުކަމާއި ވަރުބަލިކަމެވެ. ހާމިދުގެ ކޮޓަރީގެ އެއްކަނެއްގައި ވަލަކުން ދެ އަތާއި ދެ ފައި ބަނދެފައި އޮތްއިރު އޭނާގެ ދެ ލޯ ހުޅުވެނީ ވެސް ހަމަ ކިރިޔާއެވެ. ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތް އިރު މުޅި ހަށިގަނޑުގެ އެކި ތަންތަނުގައި ޒަހަމްތަކުން އަހިސްފައިވާ ލޭތައް ގިނައިރު އެހެން ހުރުމުގެ ސަބަބުން ރޮނގަކަށް ހިކިފައި ހުއްޓެވެ. މޭމަތީގައި ފާޑެއްގެ ކުރެހުމަކާއި ލިޔުންތަކެއް ކަނޑާ ނަގާފައިވާކަން ފާހަގަ ކުރެވެއެވެ.

" ހެޔޮނުވާނެ.. މަމި މަރުވަނީއޭ.. މަށަށް ފެންކޮޅެއް ދީބަލަ.." ހަމްޒަތު އަނެއްކާ ވެސް ފެން ދިނުމަށް އެދި އާދޭސް ކުރަންފެށިއެވެ.

" ކޮން ފެންކޮޅެއް ފެންކޮޅެއް ކިޔާކަށްތަ.. ފެންފޮދު ވެސް ކިޔަން ކަލެއަށް އެނގެނީކީ ނޫންދޯ؟ މަ ބުނާ ގޮތެއް ހަދައިގެން އޮންނަން ނޭނގިގެން ތި އުޅެނީ ކިހިނެއް ވެގެން؟ ޕާޓޭ ހެދިގެން ގަދަވެފައި އުޅޭއިރު މަ ހިއެއް ނުކުރަމޭ ކަލެއަކީ ތިހާ ބޮޑު ފިނޑިއެއް ކަމަކަށް.. މަ ކުރިން ވެސް ބުނިންދޯ ކަންތައްވާނެ ގޮތް.. ކަލޭ އުފުލަން ޖެހޭނެ ވޭނާއި ކުރަންޖެހޭނެ ހިތްވަރު.. "

ހާމިދު ވާހަކަދެއްކީ ރުޅިވެރިކަމާއިއެކުގައެވެ. އޭނާގެ އަޑުން ހަމަ ހަގީގަތުގައި ވެސް އޭނާ ހިތްހަމަ ނުޖެހިފައިވާކަން ދޭހަކޮށްދެއެވެ. އެހެނަސް އޭނާ އެގޮތަށް ވާހަކަދައްކަން ފެށުމުގެ ބޭނުމީ ހަމްޒަތު ރުޅި އެރުވުމެވެ. ނޫނީ އޭނާ ހިތްވަރު ހޯދައި ހާމިދު ބޭނުންވާ ގޮތަށް އަމަލުކުރުމެވެ. ރޭ ހަތަރުދަމު، ހަމްޒަތު އެގޮތަށް ބަނދެފައި ބާއްވައިގެން ތުން ތަޅުވަމުން ހާމިދު އޭނާ ގެންގުޅޭ ފިޔޮހިން ހަމްޒަތުގެ ހަށިގަނޑު ޒަހަމްކުރަމުން ދިޔައީ އެއްވެސް ރަހުމެއްނެތް އިންސާނެއް ފަދައިންނެވެ. ހަމްޒަތުގެ ރުއިމާއި ހަޅޭކުގެ އަޑު ނީވޭ ބީރެއްފަދައިން ނެވެ.

" ކަލޭ ދެން ފެނަށް އެދި މަގޭ ކައިރީގައި ނުބުނާތި.. ތި ވަރުބަލިކަމުގައި މަ ބޭނުންވާ ރުޅިވެރިކަމާއެކު ގަދަ ބާރު ކަލެއަށް ނުދެއްކިއްޖެނަމަ ރޭ ހަތަރުދަމު މަ ކުރި މަސައްކަތް ބޭކާރުވީ.. ބަލަ ކަލޭތީ ފިނޑިއެއްތަ؟ މީހުން ގަޔަށް ވަޅިޖަހަމުން މީހުން މަރަމުން ދުވާއިރު ވަރަށް ގަދަވެފަ ހުންނާނީ. ކަމަކާ ޖެހުމުން މުސްކުޅިން ބުނާހެން ހަނގުރާމައަކާ ޖެހުމުން އަގުޅި ނެތް ކަންނޭލަކަށްވީ ދޯ" ހާމިދު ތަކުރާރުކޮށް ހަމްޒަތަށް މަލާމާތްކޮށް ވާހަކަ ދައްކަން ފެށިއެވެ. އޭނާ ބޭނުންވާ މަގުޞަދު ކޮންމެ ގޮތަކުން ވެސް ހާސިލް ކުރުމުގެ ބޭނުމުގައެވެ.

ހާމިދުގެ ބަސްތައް އިވެމުން ދިޔަވަރަކަށް ހަމްޒަތުގެ ހަށިގަނޑުގައި ހިނގަމުންދިޔަ ލޭ ހޫނުވަމުން ދިޔައެވެ. ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ރުޅިވެރިކަން އިސްވަމުންދިޔައެވެ. ނޭވާ އަވަސްވެ، މުށް މަޅައި އަތާއި ފަޔަށް ބާރު ލަމުން ދިޔައެވެ. މިގޮތުގައި މާކަ ގިނަ އިރުތަކެއް ނުނެގިއެވެ. ދެން ފެނިގެން ދިޔައީ ހާމިދު ދެކެން ބޭނުންވި މަންޒަރެވެ. އަނގަ ތަންމިނަށް ހުޅުވައި، އާދަޔާ ޚިލާފު ވަރުގަދަ އަޑަކުން ހަމްޒަތު ހަޅޭއް ލަވައިގެންއިރު، އޭނާ ހަށިގަނޑަށް ގެނައި ހަރަކާތާއެކު، އަތާއި ފައިގައި އައްސާފައިވާ ވާގަނޑު ބުރިބުރިވެގެން ދިޔައެވެ.

ހަމްޒަތުގެ ހަރަކާތަށް ބަލަންހުރި ހާމިދު ތުންފަތަށް ގެނުވީ ކާމިޔާބީގެ ހިނިތުންވުމެވެ.

— ނުނިމޭ —

ލިޔުންތެރިޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ…” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެ ވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެ ވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްސާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް