ބޭންކް އޮފް މޯލްޑިވްސްެ އިން ކަސްޓަމަރުން އަމިއްލައަށް ފަރުމާކޮށްލެވޭ ގިފްޓްކާޑެއް ތައާރަފްކޮށްފިއެވެ.
މި ކާޑު ފަރުމާކުރެވޭނީ ބޭންކުގެ ވެބްސައިޓްގައި ހިމެނޭ މިކަމަށް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށެވެ. މި ގޮތުން ކާޑުގައި ހިމަނަން ބޭނުންވާ ފޮޓޯއަކާއި މުނާސަބަތާ ގުޅޭ މެސެޖްވެސް ޚިޔާރުކޮށްލެވެއެވެ. އަދި ކާޑަށް އަޅަން ބޭނުންވާ ފައިސާގެ އަދަދުވެސް ކަސްޓަމަރު އަމިއްލަ އަށް ކަނޑައެޅޭނެ ކަމަށާއި ކާޑު ތައްޔާރުވުމުން މާލޭގައި ނަމަ ކަސްޓަމަރ ސަރވިސް ސެންޓަރުން، އަދި އެހެން ރަށެއްގައި ނަމަ ބޭންކުގެ ބްރާންޗަކުން ކާޑު ދޫކުރުމަށްވަނީ ހަމަޖެހިފައި ކަމުގައި ބީއެމްއެލްއިން ބުނެ އެވެ.
ބީއެމްއެލް ގިފްޓް ކާޑަކީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ބޭނުންކުރެވޭ ގޮތަށް ގަންނަ ވަގުތުން ފެށިގެން ބޭނުންކުރެވޭ ކާޑެކެވެ. ގިފްޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކުމަށް ރާއްޖޭގެ އެންމެ ބޮޑު ޕީއޯއެސް ނެޓްވޯކްކަމުގައިވާ ބީއެމްއެލް ޕީއޯއެސް މެޝިން ބޭނުންކުރެވޭނެއެވެ.
" އަޅުގަނޑުމެންގެ ގިފްޓް ކާޑަކީ އާއިލާގެ މެންބަރުންނަށާއި ލޯބިވާ މީހުންނަށް ނަގުދު ފައިސާ ހަދިޔާގެ ގޮތުގައި ދިނުމުގެ ބަދަލުގައި ދޭން އެންމެ ރަގަޅު އެއް ހަދިޔާ. މިއަދު މި ތައާރަފްކުރެވުނު ޚިދުމަތާއެކު ބޭނުންވާ ފޮޓޯއަކާއި މެސެޖެއް ހިމަނައިގެން ގިފްޓް ކާޑު ފަރުމާ ކޮށްލެވޭނެ. މިއީ ކޮންމެ މުނާސަބަތަކަށްވެސް އެންމެ ރަނގަޅު ހަދިޔާ "މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ ޢައިޝަތު ނޫރައްދީން ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 95 އޭޓީއެމް، 5000 ޕީއޯއެސް މަރޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް