ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ރޭ ގއ. އަތޮޅުގެ ތިން ރަށެއްގައި ވޯޓު ފޮށިތައް އަންދާލި މައްސަލަ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ގޯސް ކަމަކަށް ނުވި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީގައި ބައެއް ރަށްރަށުގައި ހަމަނުޖެހުން ހިނގާ ވޯޓް ފޮށިތަކުގައި ހުޅުޖަހާ ރޯކޮށްލީ ޖޯސްގަދަވެގެން ކަމަށެވެ. ސިޔާސީ އެފަދަ ކަންކަމުގައި ޖޯޝްގަދަ ވެގެން އެކަހަލަ ކަންކަން ހިނގާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ހިނގާދިޔަ ކަންކަމާމެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވޯޓު ފޮށިތައް އަންދާލުމުގައި ގޯހެއްވެސް ނެތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ވޯޓު ފޮށިތައް އަންދާލުމާއި އެކަމާ ދެކޮޅު ހެދުމަށްވެސް އުޅުއްވީ އަރިސް ބޭފުޅުންނެވެ.
"ވޯޓު ފޮށިތައް އަންދާލައިގެން އުޅެނީ ވެސް ހަމަ އަޅުގަނޑުމެން ދަންނަ، ގާތް މީހުން. އަންދާލިޔަ ނުދޭންވެގެން ފަހަތުން ދުވަނީ ވެސް ހަމަ އެއް ބައެއް. ދެން އެއީ އެކަމުގެ ޖޯޝްގައި ރޭގައި ހިނގި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިއަދު އިތުރަށް ވިދާޅުވީ ކުރިޔަށް އޮތްތާ އެފަދަ ޖޯޝެއް އަތުވެއްޖެ ނަމަ އެކަން ފިނިވާނެ ގޮތަކަށް އަމަލުތައް ބަހައްޓަން ވާނެ ކަމަށެވެ. އެގޮތުން ވޯޓު ފޮށި އަންދާލަން ބޭނުންވާނަމަ އެކަން ފިނި ކުރުމަށް މޫދަށް އެރި ނުވަތަ ގެއަށް ދިއުން ބުއްދިވެރި ކަމަށެވެ.
ގއ. އަތޮޅުގައި ޕްރައިމަރީ ބާއްވާ ތިން ރަށް ކަމަށްވާ ވިލިނގިއްޔާއި ކޮލަމާފުއްޓާއި ދާންދޫގެ ވޯޓް ފޮށިތައް ބާތިލްކޮށް މިހާރު ވަނީ އަލުން އިންތިހާބު ބާއްވަން ހަމަޖައްސައިފަ އެވެ. އެ ވޯޓުފޮށިތައް ބާތިލް ކުރީ އެ ދާއިރާތަކުގެ މާލޭ ވޯޓުފޮށިތައް ކައިރީ ހިންގި ހަމަނުޖެހުންތަކަކާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް