ވައިރަހަށް ޝައްކު ކުރެވުނު މީހާގެ ސާމްޕަލްގެ ނަތީޖާ ލިބޭނީ މާދަމާ ހަވީރު

ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވިގެން ކ. ފުނަދޫގައި ކަރަންޓީން ކޮށްފައިވާ ދިވެހި ފިރިހެން މީހާއަށް ކޮރޯނާ ވައިރަސް ޖެހިފައިވާތޯ ޔަގީން ވާނީ މާދަމާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީނ...

01 Feb 2020 | 06:19

ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވިގެން ކ. ފުނަދޫގައި ކަރަންޓީން ކޮށްފައިވާ ދިވެހި ފިރިހެން މީހާއަށް ކޮރޯނާ ވައިރަސް ޖެހިފައިވާތޯ ޔަގީން ވާނީ މާދަމާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ރޭ ބޭއްވި ނޫސްވެރިންގެެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ އޭނާ ގައިން ލޭގެ ސާމްޕަލް ނަގައި ޓެސްޓު ކުރަން ފޮނުވީ އިންޑިއާގެ ޕޫނޭއަށް ކަމަށެވެ. އެ ސިޓީއަށް ސާމްޕަލް ފޯރާނެ ކަމަށް ޑަބްލިއުއެޗްއޯއިން މައުލޫމާތު ދީފައިވަނީ މިއަދު ޕޫނޭގެ ހޮސްޕިޓަލަށް ސާމްޕަލް ގެންދެވޭނެ ކަމަށެވެ.

އެހެންކަމުން އެމީހާގެ ސާމްޕަލްގެ ނަތީޖާ ލިބޭނީ މާދަމާ އިރުއޮއްސޭއިރު ކަމަށްވެއެވެ.

އެމީހާ ޗައިނާއިން ރާއްޖެ އައީ މިދިޔަ ބުދަ ދުވަހުގެ ރޭ އެވެ. އެރޭ އެއާޕޯޓުން އޭނާ ސްކްރީން ކުރުމަށް ފަހު ދޫކޮށްލީ ހުމުގެ އެއްވެސް އަލާމާތެއް ނެތުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު ގެއަށް ދިޔަ ފަހުން ރޯގާގެ އަސަރު ހުރުމުން އޭނާ އަމިއްލައަށް އަސްކަރީ ހޮސްޕިޓަލް ސެނަހިޔާއަށް ދިޔައީ ބުރާސްފަތި ދުވަހު ހިނގާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޭނާ ގެއަށް ގޮސް އާއިލާ މީހަކާ މުއާމަލާތްކޮށް ނަހަދާކަމަށް ބުނި ނަމަވެސް މިނިސްޓްރީން ދަނީ އޭނާގެ އާއިލާ މޮނިޓާ ކުރަމުންނެވެ. އަދި ވިދާޅުވީ ސެނަހިޔާއަށް ހިނގާފައި ދިޔަ އިރު އެއްވެސް މީހަކާއި އޭނާ ވާހަކަ ދައްކާފައި ނުވާކަމަށެވެ. އެކަމަކު ހޮސްޕިޓަލަށް ގޮސް ދެއްކި ޑޮކްޓަރު ވަރަށް ރަނގަޅަށް މޮނީޓާ ކުރަމުން ދާކަމަށެވެ.

ރޭގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރު، ޑރ. އަލީ ލަތީފު ވިދާޅުވީ ފުނަދޫގައި ކަރަންޓީން ކުރެވިފައިވާ މީހާގެ ހާލަތު އައިޖީއެމްއެޗުގެ ޑޮކްޓަރުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އެކަމަކު މިހާތަނަށް އޭނާގެ ފަރާތުން ރޯގާގެ އަލާމާތް ނޫން އަލާމާތެއް ނުފެންނަ ކަމަށާއި ސިއްހީ ހާލަތު ގޯސްވެއްޖެ ނަމަ އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ބަދަލު ކުރާނެ ކަމަށެވެ.

އައިޖީއެމްއެޗުގެ ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ ކޮރޯނާ ވައިރަސްއަށް ފަރުވާ ދިނުމަށް ހާއްސަ އައިސީޔޫއެއް ތައްޔާރުކޮށްފައި އެވެ.

ހެލްތް މިނިސްޓްރީ އާއި ޑޮކްޓަރުން ގެންދަވަނީ ޗައިނާއަށް ދަތުރުކޮށްފައިވާ މީހުން ނުވަތަ ހުމުގެ އަލާމަތްތައް ފެންނަ މީހުން ހޮޓްލައިން ނަމްބަރު7377004 އަށް ގުޅުމަށް ފަހު ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް