ކޭސް ސްޓަޑީ: ޗައިނާއިން ޖަރުމަނަށް ކޮރޯނާ ވައިރަސް ދިޔަ ގޮތް !

މިއީ މިހާރު ޗައިނާއިން ފެނި، ޗައިނާގައި ހަލުވި ސްޕީޑެއްގައި ފެތުރެމުން އަންނަ އަދި ޗައިނާއިން ބޭރުވެ ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރިފައިވާ ނޮވެލް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހެއްގެ ކޭސް ސްޓަޑީއަކ...

01 Feb 2020 | 05:22

މިއީ މިހާރު ޗައިނާއިން ފެނި، ޗައިނާގައި ހަލުވި ސްޕީޑެއްގައި ފެތުރެމުން އަންނަ އަދި ޗައިނާއިން ބޭރުވެ ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރިފައިވާ ނޮވެލް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހެއްގެ ކޭސް ސްޓަޑީއަކުން ބައެކެވެ.

ޖަރުމަނުގެ އުމުރުން 33 އަހަރުގެ ވިޔަފާރިވެރި އަންހެނަކު ޖަނަވަރީ 24ގައި އާންމު ރޯގާގެ ބައެއް އަލާމާތްތައް ފެންނަން ފެށިއެވެ. ކަރަށް އުނދަގޫވުމާއި ކުޑަކޮށް ރޯގާ ޖެހުމާއި އަދި މަސްތަކުގައި ރިއްސުން ފާހަގަ ކުރެވުނެވެ. އަދި ޖެހިގެން އައި ދުވަހު ހުން އައެވެ. ނަމަވެސް ޖަނަވަރީ 27ގައި ކުޑަކޮށް ލުއި ވުމުން އޭނާ ވަޒީފާއަށް ނިކުތެވެ.

އޭނާއަށް އޭރުވަނީ ކޮރޯނާ ވައިރަސް ޖެހިފައެވެ. ނަމަވެސް އޭރު އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

އެ އަލާމާތްތައް ފެނުމުގެ ހަތަރު ދުވަސް ކުރިން ޖަނަވަރީ 20ގައި ޖަރުމަނުގެ މިއުނިކްގައި އޭނާގެ ބިޒްނަސް ޕާޓްނަރަކާއެކު ބައްދަލުވުމެއް ކުރިއަށްގެންދިޔައެވެ. އެ ބިޒްނަސް ޕާޓްނަރަކީ ޗައިނާގެ ރައްޔިތެކެވެ. އޭރު ޗައިނާގެ އެމީހާގެ ގައިން މި ވައިރަހަށް ޝައްކުވާ އެއްވެސް އަލާމާތެއް ނުފެނެއެވެ. ނަމަވެސް މި ކޭސް ސްޓަޑީގައި ވާގޮތުގައި ޖަރުމަނުގެ މި އަންހެން މީހާއަށް މި ވައިރަސް ޖެހުނީ ޗައިނާގެ އެ ބިޒްނަސް ޕާޓްނަރުގެ ގައިންނެވެ. ޗައިނާގެ އެ ބިޒްނަސް ޕާޓްނަރު އެނބުރި ޗައިނާއަށް ދިޔަ ފަހުން ކޮރޯނާއަށް ޕޮޒިޓިވް ވެފައިވެއެވެ.

ޖަރުމަނުގެ އެ ވިޔަފާރިވެރިޔާ ޖަނަވަރީ 27ގައި އޮފީހަށް ނިކުމެ ބަލި ވާހަކައާއި ބަލީގެ އަލާމާތްތައް އޮފީހަށް އެންގިއެވެ. އިތުރަށް ބެލި ބެލުމުގައި އޭނާ ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

ޖަނަވަރީ 28ގައި ހަމަ އެ އޮފީހުގެ އިތުރު ތިން މުވައްޒަފަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވިއެވެ.

މި ކޭސް ސްޓަޑީން ބުނެދީފައިވަނީ ޗައިނާއިން ޖަރުމަނަށް ކޮރޯނާ ވައިރަސް ދަތުރުކުރި ގޮތެވެ. ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ ޗައިނާގެ އެމީހާއާއި ޖަރުމަނުގެ މީހާ ބައްދަލުވިއިރު ޗައިނާގެ އެމީހާގެ ކިބައިގާ މި ވައިރަހަށް ޝައްކުވާ އެއްވެސް އަލާމާތެއް ނެތް ކަމެވެ. އަދި ޖަރުމަނުގެ އެ މީހާގެ ކިބައިން އޮފީހުގެ އިތުރު ތިން މީހަކަށް މި ވައިރަސް އެރި ގޮތުގެ ހަލުވި ކަމެވެ.

މި ނުރައްކާތެރި ވައިރަހުގައި ޗައިނާއިން އެކަނި 253 މީހަކު މަރުވެފައިވާއިރު ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 11 ހާހުން މައްޗަށް ގޮސްފައެވެ. މި ވައިރަހަށް އެންޓި ޑޯޒެއް ހޯދުމުގެ މަސައްކަތް ކަމާބެހޭ މާހިރުން ކުރަމުން އަންނައިރު އަދި މި ވައިރަހަށް އެންޓިޑޯޒެއް ހޯދިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް