ކަސްޓަމްސްއިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ސިޓީން އެދުމުގެ ބަދަލުގައި، އެކަންކަމަށް އެދުމަށް ޚާއްސަ އެޕްލިކޭޝަން ފޯމެއް ތަޢާރަފްކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން އިފްތިތާޙުކޮށް ދެއްވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނޫމާން ވިދާޅުވެފައިވަނީ ހުސްވި އަހަރު އެކަނިވެސް ކަސްޓަމްސްގެ ޚިދުމަތްތަކަށް އެދި ހަތަރު ހާސް ހަތް ސަތޭކައަށްވުރެ ގިނަ ސިޓީ ހުށަހަޅާފައިވާކަމަށާއި، އަދި އަލަށް ތައާރަފުކުރުމަށް މަސައްކަތްކުރާ އެޕްލިކޭޝަން ފޯމްގެ ސަބަބުން ޚިދުމަތަކަށް އެދުމަށް ހޭދަވާ ވަގުތު ވަރަށްބޮޑުތަނުން ކުޑަވެ، ހިދުމަތް ދިނުން އަވަސްވެގެންދާނެކަމަށެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ލުއިފަސޭހަ ކުރުމާއި، ވަކި ޚިދުމަތަކަށް ބޭނުންވާ ކަންކަން އެއްފަހަރުން ފުރިހަމައަށް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށާއި، މިއީ ކަސްޓަމްސްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންނަށް ދޭ ޚިދުމަތްތައް ލުއި ފަސޭހަކުރުމަށް ޓަކައި ޚާއްސަ އިސްކަމެއްދީގެން 2019 ވަނަ އަހަރުގެ ފުރަތަމަ ތިންމަސް ދުވަހު ކުރަން ރާވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ކަސްޓަމުން ހާމަކުރެއެވެ.
މޯލްޑިވްސް ކަސްޓަމަސް ސަރވިސްގައި ބޭއްވި މި ބައްދަލުވުމުގައި ކަސްޓަމްސްގެ ބްރޯކަރުންނާއި، ޝިޕިން އެޖެންޓުންގެ އިތުރުން އެކި ދާއިރާތަކުން ކަސްޓަމްސްގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ވަނީ ބައިވެރި ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް