ސުވިޓްޒަލޭންޑުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާގެ ފެސްޕޯގައި ރާއްޖޭގެ އިޝްތިހާރުކުރަމުން އެބަދެއެވެ.
ޖެނުއަރީމަހުގެ 31 ވަނަ ދުވަހުން ފެބްރުއަރީމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މިފެއާގައި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ އޮފިޝަލުންގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހަތް ފަރާތަކުން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފެސްޕޯއަކީ ބައިނަލްއަޤްވަމީ ފެންވަރެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކެއް ބައިވެރިވާ އަދި ޒިޔާރަތްކުރާ ފެއާއެކެވެ. މިގޮތުން މިފެއަރގައި ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތައް ދޭ ފަރާތްތަކާއި، ދާއިރާއާ ގުޅުންހުރި އެކި އުފެއްދުންތައް އުފައްދާ ފަރާތްތައް ބައިވެރިވާނެއެވެ. މިދިޔަ އަހަރު އެކަނިވެސް ފެސްޕޯ ފެއާއަށް 63000 ފަރާތަކުން ޒިޔާރަތްކުރިއެވެ.
މިއަހަރުގެ ފެއާގައި ރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ކާތަކެތީގެ ރަހަ ބަލާލުމުގެ ފުރުސަތު ލިބޭނެކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ. އަދި ރާއްޖޭގެ ސަޤާފަތާއި ގުޅުން ހުރި އެކިތަކެތި ހިމެނޭ ގިފްޓް ބޭގްވެސް މިތަނަށް އަންނަ ފަރާތްތަކަށް ބެހުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެމްއެމްޕީއާރުސީއިން ބުނީ ފެސްޕޯގައި ބައިވެރިވުމުގެ ސަބަބުން އެޤައުމުގައި ރާއްޖެ އިތުރަށް އިޝްތިހާރުވެ، ސުވިޓްޒަލޭންޑުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް