ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމުގައިވީ ނަމަވެސް، އެ ހައިސިއްޔަތުންވިޔަސް ޝަރުޢީ ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒު ފޯރުވައި، މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް އަމާޒުކޮށް އިންޒާރުދިނުމުގެ އެއްވެސް ބާރެއް ރައީސުލްޖުމްހޫރިއްޔާއަކަށް ޤާނޫނު ލިބިދީފައި ނުވާކަމުގައި އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވްސް ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
އެމްޑީޕީ އިން މިހެން ބުނެފައިވަނީ އެ ޕާޓީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ބައްޓަންވެފައިވަނީ، ބާރުތައް ވަކިކުރެވިފައިވާ ޑިމޮކްރެޓިކް އުޞޫލުން ހިންގާ ދައުލަތެއްގެ ސިފައިގައި ދިވެހި ދައުލަތް ހިންގުމަށް ކަމަށެވެ. އެއްބާރުން އެހެން ބާރުތަކަށް ނުފޫޒު ނުފޯރުވައި ދައުލަތް ހިންގުމަށް ކަމަށެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ، “އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެނެއް ނުވާނެއެވެ.” މިފަދައިންނެވެ. އެހެންކަމުން، ޝަރުޢީ ކޯޓުތަކަކީ މިނިވަންކަމާއެކު މަސައްކަތްކުރުމުގެ މާހައުލު ލިބިފައި އޮންނަންޖެހޭނޭ ތަންތަންކަމުގައި ވުމީ ޤާނޫނުއަސާސީ ތަޞައްވުރު ކޮށްފައިވާ ގޮތެވެ. ކަން މިހެން އޮތްނަމަވެސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަނޑިޔާރުންނަށް ނިސްބަތްކުރައްވައި، އާންމުތަންތަނުގައި ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިހާއަށް އިއުތިރާޒުކުރާ ވާހަކަތަކެކެވެ. ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒުފޯރުވައި ފަނޑިޔާރުންނަށް ބިރުދެއްކެވުމުގެ ގޮތުން ރައީސް ޔާމީން ދައްކަވަމުން އެ ގެންދަވާ ވާހަކަފުޅުތަކަކީ، އެމަނިކުފާނަށް ތާއީދު ނެތެމުން ދިއުމުގެ ސަބަބުން ފަނޑިޔާރުންނަށް ކަންކަން މަޖުބޫރު ކުރުވައިގެން ފަނޑިޔާރުން މެދުވެރިކޮށް އެމަނިކުފާނު ވެރިކަމުގައި ހުންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމުގައިވީ ނަމަވެސް، އެ ހައިސިއްޔަތުންވިޔަސް ޝަރުޢީ ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒު ފޯރުވައި، މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް އަމާޒުކޮށް އިންޒާރުދިނުމުގެ އެއްވެސް ބާރެއް ރައީސުލްޖުމްހޫރިއްޔާއަކަށް ޤާނޫނު ލިބިދީފައެއް ނުވާ ކަމަށާއި އެހެންކަމުން، ރައީސް ޔާމީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދެއްކެވުމުގެ ގޮތުން އެދައްކަވާ ވާހަކަތައް ދެއްކެވުން ހުއްޓާލެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް އަޑަކުން ގޮވާލާ ކަމަށެވެ.
އަދި ޤާނޫނުއަސާސީގެ ބޭރުން ރައީސް ޔާމީން ކުރައްވަމުން އެ ގެންދަވާ ކަންކަން ހުއްޓުވައި، ރައީސް ޔާމީންގެ ވެރިކަން ހަމަމަގަށް އެޅުވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތައް ސާބިތުކަމާއެކު ދެމި ތިބޭނެ ކަމުގެ ޔަޤީންކަން އެންމެހައި މުއައްސަސާތަކަށާއި ރައްޔިތުންނަށް އަރުވާކަމުގައިވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް