ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮންމެ އަހަރަކު ދެމުން އަންނަ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެގޮތުން މި ފުރުސަތު ހުޅުވާލައި ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ ކޮންމެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް (31 މެއި)" ގެ މުނާސަބަތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދެއްވާ ޢިނާމެކެވެ. މި ޢިނާމު ދެއްވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ކަމަށެވެ.
"މިގޮތުން ދުންފަތް ކޮންޓްރޯލް ކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާ އަދި ވަކީން ޚާއްޞަކޮށް އެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް" ގެ ޝިޢާރާ ގުޅުން ހުރި މަސައްކަތްތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އިދާރާތަކުން މި ޢިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވިފައިވާކަން ޢާންމު ކުރުމުގެ ގޮތުން ދެންނެވީމެވެ." ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެ އެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މިއަހަރުގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް" ގެ ޝިޢާރަކީ "ޓޮބޭކޯ އެންޑް ހާޓް ޑިޒީޒް" ކަމަށެވެ. ވީމާ ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލެއްވުމަށް ނުވަތަ އެހެން ފަރާތެއްގެ ނަން ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 11 ފެބުރުވަރީ 2018 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަށް ހުށަހެޅުއްވުން އެދޭ ކަމަށާއި އެވޯޑަށް ހުށަހަޅުއްވަން ބޭނުންވާ ފޯމް އަދި މަޢުލޫމާތު ހެލްތް މިނިސްޓްރީގެ ރިސްޕްޝަނުންނާ މިނިސްޓްރީގެ ވެބްސައިޓް www.health.gov.mv ލިބިވަޑައިގަންނަވާނެ ކަމަށެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިނގަންނަވާނަމަ އެ މިނިސްޓްރީގެ ނަންބަރ: 3014411/3014455 ފޯނަށް ގުޅުއްވުން އެދޭ ކަމަށާއި އީމެއިލް ކުރައްވާ ފަރާތްތަކުން [email protected] މި އީމެއިލް އަށް ފޮނުވުން އެދޭ ކަމުގައިވެސް ހެލްތު މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް