ފުންނާބުއުސް ފައިވާނަކީ އަންހެނުންގެ އެންމެ ގާތް އެއްރަޙުމަތްތެރިއެވެ. މީގެ ފައިވާނަށް އެރުން އެއްކޮށް ދޫކޮށްލުމަށް ހިތަށް އެރުވުމަކީވެސް ގިނަ އަންހެނުންނަށް ވާނޭ ކަމެއްނޫނެވެ. އާއްމުކޮށް ފުންނާބުއުސްނޫން ފައިވާނަށް އަރާމީހުންގެ ތެރެއިން ގިނަ މީހުން ޕާޓީތަކާއި އެކި އެކި ހަފްލާތަކަށް ދާއިރު ފުންނާބު އުސްފައިވާނަށް ނޫނީ ނޭރެއެވެ.
ތެދެކެވެ. ފުންނާބުއުސް ފައިވާނަށް އެރުމުން ފައި ދިގުވެފައި ރީތިކަމަށް ދައްކައެވެ. އަދި ލާ ހެދުމުގެ ރީތިކަމަށް ފުރިހަމަކަން ގެނަސްދެއެވެ. އަދި އެންމެ މުހިއްމު ކަމަކަށް ތިމާއަށް ހިތްހަމަޖެހުން ލިބެއެވެ.
ނަމަވެސް އަންހެނުންގެ ރީތިކަމަށް އަދި ލާ ހެދުމުގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނަސްދޭ މި ފައިވާނުގެ ސަބަބުން ކިހާ ވޭނަކާއި ކުރިމަތިލާން ޖެހޭތޯއެވެ؟ އަދި މިފައިވާނުގެ ސަބަބުން އެތައް ސިއްޙީގެއްލުމަކާއި ކުރިމަތިލާން ޖެހޭކަން އެނގޭތޯއެވެ؟
ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގެ ހުރިހާ އަންހެނުންގެ ތެރެއިން 28% އަކީ އެއްވެސް ވަރަކަށް ފުންނާބުއުސް ފައިވާނަށް ނާރާ މީހުންނެވެ. އަދި 72% އަކީ އެމީހެއްގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ނުވަތަ ކޮންމެވެސް ވަރަކަށް ނުވަތަ އަބަދުވެސް ފުންނާބުއުސް ފައިވާނަށް އަރާ މީހުންނެވެ. އަދި 31% އަންހެނުންނަކީ ފުންނާބުއުސް ފައިވާނުގައި ދުވަހުގެ މަސައްކަތައް ނިކުންނަ މީހުންނެވެ.
ފުންނާބު އުސްފައިވާނަށް އެރުމުން ހަށިގަނޑުގެ "ސެންޓަރ އޮފް ބެލެންސް" އޭ ކިޔާ، ހަށިގަނޑު ބިމުގައި ހަމަޖެހިގެން ހުރުމަށް އެހީވެދިނުމަށް ހުރިހާ ފަރާތަކުން ދަމާބާރުތައް ތިމާގެ ހަށިގަނޑަށް އަމާޒުވެފައި ހުންނަ ހިސާބު ތަފާތުވެއެވެ. ކުރުކޮށް ފޮނިކޮށް ބުނަނީނަމަ ފުންނާބު އުސްފައިވާނަށް އެރުމުން ތިމާގެ ހަށިގަނޑުގެ އަސްލު "ސެންޓަރ އޮފް ބެލެންސް" ގެއްލެއެވެ.
ވީމާ އަލުން ހަށިގަނޑު ބިންމަތީ ހަމަޖެއްސުމަށްޓަކައި ތިމާގެ މައިކައްޓާއި އުރަށް (ހިޕް) ތަފާތުތަކެއް ގެންނަން ޖެހެއެވެ. މިގޮތުން ކުޑަކަޅުވާ މަސްގަނޑާއި، އުރާއި ބުރަކަށީގެ މަސްތަކަށް ބާރުކުރެއެވެ. މާގިނައިރު ނުވަތަ މުޅި ދުވަހު ފުންނާބުއުސް ފައިވާނުގައި އުޅޭނަމަ މިހިސާބުތަކުގެ މަސްތައް ވަރުބަލިވެ އަދި ބައެއް ހާލަތްތަކުގައި އެކަށީގެންވާ ވަރަށް ވުރެބޮޑަށް ދެމެއެވެ.
ފުންނާބު އުސްފައިވާނަށް އެރުމުން އުނަގަނޑުގެ ތިރީބައި ހުންނަނީ ކުރިޔަށް ހިފާލެވިފައެވެ. މީގެ ސަބަބުން މައިކައްޓާއި އުރު ގުޅިފައިވާ ގޮތަށް ބުރޫ އަރައެވެ. އަދި ހަމަ އެހެންމެ ކަކުލަށް އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބާރުކުރަންފަށައެވެ. އަދި ހަމަ އެހެންމެ ފައިގެ އިނގިލިތަކާއި ފައިތިލައިގެ ދަށްފުށުގެ އެކި ހިސާބުތަކަށްވެސް އާދަޔާއި ޙިލާފަށް ބޮޑަށް ބާރުލެވެން ފެށެއެވެ.
ހަރވަރޑްގެ ދިރާސައަކުން ދައްކާ ގޮތުގައި އެންމެ ދެއިންޗިއަށް ފުންނާބުއުސް ފައިވާނަކަށް އެރިނަމަވެސް ފުންނާބުއުސްނޫން ފައިވާނަކަށް އެރުމުން ކަކުލަށް ކުރާ ބާރަށްވުރެ 23% އިތުރަށް ކަކުލަށް ބާރުކުރެއެވެ. ހަމައެއާއިއެކު މީގެ ފައިވާނަށް އަރައިގެން ހުންނައިރު ފައިގެ ފުންނާބު ހުންނަނީ މައްޗަށް ހިފިފައިކަމުން ފައިގެ ކުޑަކަޅުވާގެ މަސްތައް ކުރުވުމަށް ދިމާވެއެވެ. މިކަމުގެ ސަބަބުން މިހިސާބު މަސްތަކަށް މާބޮޑަށް ތަދުވުމާއި އައްސިވުންފަދަ ކަންކަން ދިމާވެއެވެ.
އޯސްޓިއޯޕެތިކް ފިޒިޝިއަންއެއްކަމަށްވާ ޑރ. ނެޓަލީ އޭ. ނެވިންސް ވިދާޅުވެފައިވާ ގޮތުގައި ކުޑަކަޅުވާގެ މި މަސްތައް ކުރުވުމުގެ ސަބަބުން ޕްލޭންޓާރ ފެޝިއައިޓިސް ޖެހުމަށް ދިމާވެއެވެ. މިއީ ފުންނާބަށް ތަދުވުމަށް މެދުވެރިވާ އެންމެ އާއްމު އެއް ސަބަބެވެ. މީގެ ސަބަބުން ފައިތިލައިގެ ދަށްފުށުގެ މަސްތައް ދުޅަވުމަށް ދިމާވެއެވެ.
ސިއްޙީ މާހިރުން ލަފާދެނީ ހުރިހާ ވަގުތެއްގައި އަދި އާއްމުކޮށް ފުންނާބުއުސް ފައިވާނަށް އެރުން ދޫކޮށްލުމަށެވެ. ދުވަހުގެ ކޮންމެވެސް އެއްވަގުތެއްގައި ފުންނާބުއުސްނޫން ފައިވާނަށްވެސް އަރައިގެން އުޅުމަށެވެ. އޭރުން ފުންނާބު އުސްފައިވާނަށް އަރައިގެން އުޅުމުގެ ސަބަބުން ވަރުބަލިކަން ލިބިފައިވާ މުޅިހަށިގަނޑަށްވެސް އަރާމުކުރުމަށް ވަގުތު ދެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް