ސަމާއު ޝަރީފުވެސް މާލޭސިޓީ މޭޔަރުކަމަށް ކުރިމަތިލައްވަނީ

މާލޭ ސިޓީގެ ޑިޕިއުޓީ މޭޔަރުގެ މަގާމުގައި މިހާރު ހުންނެވި ޝަމާއު ޝަރީފުވެސް ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށްކުރިމަތިލައްވާނެކަން އިއުލާން ކުރައްވައިފިއެވެ. ޝަމާއު ވިދާޅުވީ...

01 Jan 2020 | 15:02

މާލޭ ސިޓީގެ ޑިޕިއުޓީ މޭޔަރުގެ މަގާމުގައި މިހާރު ހުންނެވި ޝަމާއު ޝަރީފުވެސް ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށްކުރިމަތިލައްވާނެކަން އިއުލާން ކުރައްވައިފިއެވެ.

ޝަމާއު ވިދާޅުވީ އެ ފިޔަވަޅު އޭނާ ނެންގެވީ އެމްޑީޕީގެ އިސްވެރިންނާއި ބައެއް އާއްމުންނާ މަޝްވަރާ ކުރުމަށް ފަހު އެ މީހުންގެ އިރުޝާދުގެ މަތިން ކަމަށެވެ.

އެމްޑީޕީގެ މެމްބަރުންނާއި އާއްމުންނާ މެދު ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވޭތުވެ ދިޔަ 13 އަހަރު އޭނާ މަސައްކަތް ކުރެއްވީ އިންސާފުވެރިކަމާއި އިޚްްލާސްތެރިކަމާއެކު، ދެފުށްފެންނަ ގޮތަށް ކަމަށާއި އެކަން އާއްމުން ބަލައިގަންނާނެކަމަށް ޔަގީންކަން ކުރައްވާ ކަމަށްވެސް ސަމާއު ވިދާޅުވިއެވެ.

ސަމާއު އިތުރަށް ވިދާޅުވީ ނިޒާމަށް ބޮޑެތި ބަދަލުތައް ގެންނަ އުނދަގޫ މި ދަނޑިވަޅުގައި އޭނާގެ ތަޖުރިބާ މުހިއްމުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ދެން ވެސް މަސައްކަތް ކުރައްވާނީ، "މާލެ އަކީ އަހަރުމެން"ގެ ޝިއާރުގެ ދަށުން މާލެ ފެހިކޮށް، ދިރިއުޅެން ފަސޭހަތަނަކަށް ހަދައިދިނުމަށް ކަމަށެވެ.

މޭޔަރުގެ މަގާމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ޝަމާއު އާއި މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފާއި ހެންވޭރު ދެކުނު ދާއިރާ މިހާރު ތަމްސީލް ކުރައްވާ އަހުމަދު ނިޔާޒާއި އަހްމަދު ރަޝީދު (ބްރޯ) އެވެ.

ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 31 ގައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު ކުރިއަށް އޮތް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހޭނެއެވެ.

މި އިންތިޚާބުގައި ސިޓީތަކުގެ މޭޔަރުން ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރާ އިރު، ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލުތަކުގެ ރައީސުންނާއި މޭޔަރުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް