ރައްޔިތުން އުފެއްދި މި ސަރުކާރު މާތް ﷲގެ ވާގިފުޅާއެކު ދެމިއޮންނާނީ ފުދުންތެރި، ބާއްޖަވެރި ދިރިއުޅުމަކަށް ރައްޔިތުން ކުރާ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މީލާދީ އާ އަހަރުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، އެމަނިކުފާނު ފޮނުއްވި މެސެޖުގައި ވިދާޅުވީ މި އަހަރުގެ ތެރޭގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް ރައްޔިތުންނަށް އުފާވެރި، ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް ހަމަހަމަކަމާއި ޢަދުލުވެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.
އެމަނިކުފާނުގެ މެސެޖުގައި އިތުރަށް ވިދާޅުވީ ނިމިދިޔަ 2019 ވަނަ އަހަރަކީ ސިޔާސީ ދެބަސްވުންތަކާއި އަރައިރުންތަކުން ދުރަށްޖެހި ޢާއިލީ އަދި އިޖުތިމާޢީ ގުޅުންތަކުން މުޖުތަމަޢުގައި އުފާވެރިކަން ފަތުރައިލަދިން އަހަރެއް ކަމަށެވެ.
ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އިޙްތިރާމާއި ޤަދަރު ރާއްޖެއަށް ލިބުނު އަހަރެއް ކަމަށާއި އިޤްތިޞާދީ ގޮތުންވެސް ރާއްޖެ ކަޑައްތުކުރީ ފާގަތި އަދި ފުދުންތެރި ދުވަސްތަކެއް ކަަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވަނީ 2019 ވަނަ އަހަރަށްވުރެ، މިއަދު އަޅުގަނޑުމެންނާ މި ބައްދަލުކުރި 2020 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ދިވެހިންނަށް ކާމިޔާބު، ބާއްޖަވެރި އަދި އުފާ ފާގަތި އަހަރެއް ކަމުގައި ލެއްވުން އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް