މިއަދު ފެށުނު މީލާދީ އާ އަހަރަކީ މިދިޔަ އަހަރެކޭ އެއްގޮތަށް ސިޔާސީ ގޮތުން ބޮޑު ބަދަލަކާއި ކުރިމަތިލާން ޖެހޭނެ އަހަރަކަށް ވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މީލާދީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވާ ރައީސް ސޯލިހު ވިދާޅުވީ އެޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހަބަކީ، ދުސްތޫރީ ނިޒާމް އަލުން ބައްޓަންކުރުމުގައި، ރައްޔިތުން ގޮތް ނިންމަން ލިބޭނެ ދުވަހެއް ކަމަށެވެ. ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބެހޭ އެއްގޮތަށް މަޖިލީސް އިންތިހާބުގައިވެސް ގައުމު މިއަދު އޮތް ހާލަތާއި، ގައުމު ކުރިއަށް ގެންދަންވީ މިސްރާބު ރަނގަޅަށް އެނގި ތިބެ، ގައުމުގެ މަސްލަހަތު އިސްކުރާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މި އަހަރަކީވެސް، ހުރިހާ ގޮތަކުން އަޅުގަނޑުމެންނަށް ބާއްޖަވެރި އަދި އުފާފާގަތި އަހަރެއް ކަމުގައި ލެއްވުން އެދިވަޑައިގެންނަވާ ކަމަށެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ހައްގުތައް، ނަގަހައްޓައި ދަމަހައްޓަން ދިވެހީން ބޭނުންވެފައި ތިބި މިންވަރު، މިދިޔަ އަހަރުގެ ތެރޭގައި ފެނިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުންގެ އެ އުންމީދުތައް ޙަގީގަތަކަށް ހަދައިދިނުމަށްޓަކައި، ސިޔާސީ ލީޑަރުން އެއްބައިވެ އެކަތިގަނޑަކަށް ވެވަޑައިގެން ތިއްބެވިކަމީ، ދިވެހި ރައްޔިތުންނަށް، މާތް ﷲ މިންވަރުކުރެއްވި ހެޔޮ ނަސީބެއްކަމަށް ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ބާރުގެ ތެރެއިން، ވެރިކަން ބަދަލުކޮށް އާ ވެރިކަމެއް ގާއިމުކޮށްފައިވަނީ، ވަރަށް މަތިވެރި ފޮނި އުންމީދުތަކަކާ އެކު ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ، އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަމާއެކު، ރައްޔިތުންގެ މެދުގައި މުއާމަލާތު ކުރާނެ ކަމުގެ އުންމީދުގެ އިތުރުން ހިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިން ދިވެހި ދައުލަތް ސާފުކޮށްދޭނެ ކަމުގެ އުންމީދު ރައްޔިތުން ކުރާ ކަމަށެވެ. މީގެ އިތުރުން އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ އުންމީދު ރައްޔިތުން ކުރަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ މާތް ﷲގެ ވާގިފުޅާއެކު، މި ސަރުކާރު ދެމިއޮންނާނީ، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގައި ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް