ބޮލީވުޑްގެ އެކްޓަރު ކާދަރު ހާން މަރުވެއްޖެ

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ކާދަރު ހާން މަރުވެއްޖެ އެވެ. މަރުވި އިރު އުމުރަކީ 81 އަހަރެވެ. މަރުވީ ވާގިނެތޭ ބައްޔާއި ވެއްޓޭ ބައްޔަށް ކެނަޑާގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ކާދަރު ހާން މަރުވިކަން އާއިލ...

01 Jan 2019 | 05:57

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ކާދަރު ހާން މަރުވެއްޖެ އެވެ.

މަރުވި އިރު އުމުރަކީ 81 އަހަރެވެ. މަރުވީ ވާގިނެތޭ ބައްޔާއި ވެއްޓޭ ބައްޔަށް ކެނަޑާގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ކާދަރު ހާން މަރުވިކަން އާއިލާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އޭނާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ 17 ހަފްތާވެފައިވާ ކަމަށް ކާދަރުގެ ދަރިފުޅު އަދި އެކްޓަރު ސަރްފަރާޒް ހާން މީޑީއާގައި ބުނެފައިވެ އެވެ. އަދި މަރުވެފައިވަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާތާ ދެ ދުވަސް ފަހުންނެވެ.

ކާދަރު ހާން އުފަންވެފައިވަނީ އަފްގާނިސްތާންގެ ވެރިރަށް ކާބުލް އަށެވެ. އުމުރުން ދުވަސްވެ ފިލްމު ނުކުޅެވޭ ހިސާބަށް ދަންދެން އޭނާ އިންޑިއާގައި އުޅުނު ނަމަވެސް އޭނާ އާއި އާއިލާގެ އެހެން މެންބަރުންނަކީ ކެނަޑާގެ ރައްވެހިކަން ހޯދައިގެން އުޅޭ ބައެކެވެ.

ކެނެޑާގައި އޭނާ މަރުވި އިރު އަނބިމީހާ އާއި ދަރިފުޅުގެ އިތުރުން ކާފަ ދަރިން ކައިރީގައި ތިބި ކަމަށްވެ އެވެ.

ކާދަރު ހާން ބޮލީވުޑަށް ތައާރަފުވީ 1973 ވަނަ އަހަރު "ދާގް" ކިޔާ ފިލްމަކުންނެވެ. އޭގެ ފަހުން ބަލިވުމާއި ހަމައަށް 300 އަށްވުރެ ގިނަ ފިލްމު ކުޅެފައިވެ އެވެ. އަދި 250 ފިލްމެއްގެ ވާހަކަ ލިޔެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކާދަރޭ އާންމުންގެ ތެރޭގައި އެންމެ މަގުބޫލީ ހެއްވާ މަޖާ ރޯލުތައް ކުޅެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް