Advertisement

އަޅުގަނޑު ހުށަހެޅި ބިލަކީ މީޑިއާ ބާރުވެރި ކުރުމުގެ މަޤްޞަދުގައި ހުށަހެޅި ބިލެއް: މެންބަރު ހަންނާން

19 Aug 2025 | 10:38
ތުޅާދޫ ދާއިރާގެ މެންބަރު ހަންނާން - ފޮޓޯ: މަޖިލިސް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކީ، ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ މަޤްޞަދުގައި ހުށަހެޅި ބިލެއް ކަމުގައި އެ ބިލު ހުށަހަޅާ މެންބަރު، ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު ވިދާޅުވެއްޖެއެވެ.

އެ ބިލާއިމެދު ނޫސްވެރިން އަދި ނޫސްވެރިންގެ ޖަމުޢިއްޔާއިން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ހަންނާނު މިއަދު ވިދާޅުވެފައިވަނީ އެ ބިލަށް މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާ، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ހުރިހާ މެންބަރުންވެސް ތާއީދުކޮށްދެއްވުން އެދޭ ކަމަށެވެ.

Advertisement

"ރާއްޖޭގެ ބްރޯޑްކާސްޓް ކޮމިޝަންގައި މިހާރު މުޅީންވެސް ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވައިގެން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މެންބަރުން، ނަމަވެސް މިހާރު ހުށަހެޅިފައި އެވާ ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ މެޖޯރިޓީ އޮންނާނީ މީޑިއާތަކުން އިންތިޚާބުވާ ނޫސްވެރީންނަށް، މިގޮތުން މި ކޮމިޝަންގައި ހިމެނޭ ހަތް މެންބަރުން ކުރެ ހަތަރު މެންބަރުން އިންތިޚާބު ކުރާނީ މީޑިއާތަކުން" އޭނާ ވިދާޅުވެފައިވެއެވެ.

އެ ބިލުގައި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ހައްގުތައް ލިބިދީފައިވާނެކަން ހާމަކުރަމުން ހަންނާން ވިދާޅުވެފައިވަނީ ތެދު ޚަބަރު މީޑިއާތަކުން ފަތުރަން މަގުފަހިކޮށްދީފައި ވާނެ ކަމަށާއި ދައުލަތުގެ ހަތަރު ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާއެކު ހަރަކާތްތެރިވާން ޖާގަ ހޯދައިދީފައިވާނެކަމަށެވެ.

އަދި، މިހާރުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓް ކޮމިޝަނަކީ ބޭކާރު ބޮޑެތި ޚަރަދުތަކެއް ހިނގާ، ބާރެއް ނެތް ދެ މުއައްސަސާކަމަށް ބުނެ ފާޑުކިޔަމުންދާތީ، އެކަމަށް ޙައްލު ހޯދައިދީ، މީޑިއާ ރެގިއުލޭޓް ކުރަން ދައުލަތުން ހިނގާ ޚަރަދު ކުޑަކޮށް، މީޑިއާގެ ބަސްވިކޭ ބާރުހުރި މުއައްސަސާއެއް އުފެއްދޭނެ މަގު ފަހިކޮށްދީފައިވާނެކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް