މުފައްކިރަކު ބުނެފައިވެ އެވެ. "ކާވެނީގެ ކުރީން ތިބާގެ ލޯ ތަންމިނަށް ހުޅުވާފައި ބަހައްޓާށެވެ. އެކަމަކު ކައިވެނީގެ ފަހުން ދެބައިކުޅައެއްބަޔަށް މަރާލައިގެން ހުންނާށެވެ". ބެންޖަމިން ފްރޭންކްލިންގެ މި އަގުހުރި ބަސްކޮޅުގެ މުރާދަކީ ކައިވެނީގެ ކުރިން ހޯދާ ބަލާށެވެ. ކައިވެނީގެ ފަހުން ގުޅުން ކެނޑިޔަ ނުދީ ދަމަހައްޓާށެވެ.
ހަޔާތެއްގައިނަމަ މައްސަލަ ޖެހޭނެ ކަމާއި ބައިވެރިޔާ ކަންބޮޑުވެ ރުޅި އަންނާނެ ވަގުތުތައް އަންނާނެ ކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.
ބައެއް ފަހަރު ހަޔާތުގެ ބައިވެރިޔާގެ ކަންކަން ހުންނަގޮތުން ތިމާ ކަންބޮޑުވުން އެކަށީގެންވެ އެވެ. އެއީ ތިމާއާއި އެއްވެސް ވަރަކަށް ގުޅުން ނެތް ނުވަތަ ތިމާއަށް ކަހާތަން ރޭކާވެސް ނުލާފަދަ ކަމެއްގައި ބައިވެރިޔާ ހާސްވެ ކަންބޮޑުވެ ރުޅިގަދަވުން ކަމުގައިވެސް ހަމަ ވެދާނެ އެވެ.
ރުޅި އަންނަނީ ތިމާ ނަމަ އެންމެ ރަނގަޅު އެއް ގޮތަކީ ރުޅި މަޑުވަންދެން ރައްދެއް ނުދީ ހުރުމެވެ. އަދި ރުޅި އަންނަނީ ތިބާގެ ބައިވެރިޔާ ނަމަވެސް ޖަދަލު ކުރުމުގެ ބަދަލުގައި ރައްދެއް ނުދިނުމަކީ ތިމާގެ ނުވަތަ ބައިވެރިޔާގެ ރުޅި ކޮންޓްރޯލް ކުރެވިދާނެ ގޮތެއް ކަމުގައި ކަމާބެހޭ މާހިރުން ބުނެ އެވެ.
ހަމަ ގައިމުވެސް ކަމަކުން ކަމަކާ ނުލާ އެކަކުވެސް ރުޅިއެއް ނާންނާނެ އެވެ. ކޮންމެވެސް ކަމެއް ގޯސްކޮށް ދިމާވުމުން، ނުވަތަ ކަމަކާ ކަންބޮޑުވެ ހާސްވުމުން ނުވަތަ ބޭނުންވާ ކަމެއް ނުވުމުން ނުވަތަ ބަނޑުހައިވުމުންވެސް ބައިވެރިޔާ ރުޅި އައުން އެކަށީގެންވެ އެވެ.
ކަމުގެ މާހިރުން ބުނާގޮތުގައި ބައިވެރިޔާ ރުޅިގަދަވެފައި ހުއްޓާ ބުނެގެން ނުވާނެ ބައެއް ބަސްބަސް ހުރެ އެވެ. އެފަސް ބަސްބަސް ބުނެވޭނަމަ މަސްރަހު އިތުރަށް ވާނީ ގޯހެވެ.
ތިއީ މާ ބޮޑު ކަމެއް ނޫނޭ ނުބުނުން.
ކަންބޮޑުވެ ހާސްވެ ރުޅި ގަދަވެފައިވަނީ ތިބާގެ ބައިވެރިޔާ ނަމަ އެއީ ކިތަންމެހާވެސް ބޮޑު ކަމަކަށް ތިމާގެ ބައިވެރިޔާ އަށް ވެދާނެ އެވެ. އެފަދަ ހާލަތްތަކުގައި ތިއީ މާ ބޮޑު ކަމެއް ނޫނޭ ބުނުމުގެ ބަދަލުގައި މަޑުމައިތިރިކަމާއެކު ވާހަކަ ދައްކާ، ވީ ކީއްތޯ އޮޅުން ފިލުވަން މަސައްކަތް ކުރާށެވެ.
އަހަންނަށް ތިކަން ހައްލު ކުރެވިދާނޭ ނުބުނާށެވެ.
ވީ ކީއްތޯ ބެލުމެއް ނެތި އަހަންނަށް ތިކަން ހައްލު ކުރެވިދާނޭ ނުބުނާށެވެ. އެންމެ ފުރަތަމަ ކަމަކީ ވީ ކީއްތޯ ބެލުމެވެ. އެއަށްފަހު ހައްލު ކުރުމުގެ ވާހަކަ ދައްކަން ވާނީ ދެމީހުންގެ ހިއްސާ އޮވެގެން އެކަމެއް ހައްލުކުރާފަދަ މޭރުމަކުންނެވެ.
އަހަރެންގެ ދުވަސް މާ ގޯސް ކަމުގައި ބުނެ ބައިވެރިޔާ އިތުރަށް ދެރަކޮށް ނުލާށެވެ.
އޮފީހުގައި އުޅެ ވަރުބަލިވެފައި ހުރެ ގެއަށް އައިސް ވަންނަ ވަގުތު ހަޔާތުގެ ބައިވެރިޔާ ކަމަކާއި ރުޅި އައިސްފައި ހުރުންވެސް ހަމަ އެކަށީގެން ވެ އެވެ. އެފަދަ ވަގުތެއްގައިވެސް "އަހަރެންގެ ދުވަސް އަދި މާ ގޯސް" ކަމުގައި ނުބުނާށެވެ. ހަޔާތުގެ ބައިވެރިޔާގެ ހިތުގެ އިހުސާސްތައް ދެނެގަނެވޭތޯ މަސައްކަތް ކުރާށެވެ. ބީރު ކަންފަތެއް ދޭ މީހަކަށް ނުވާށެވެ.
އަދިވެސް ކޮށްގެން ނުވާނެ ބައެއް ކަންކަމާއި ބުނެގެން ނުވާނެ ބައެއް ބަސްބަސް އެބަހުއްޓެވެ. އެގޮތުން "މަށަށް ވަރިހަމަ" މިއީ ބުނެލަން ފަސޭހަ ނަމަވެސް ކަންބޮޑުވެ، ހާސްވެ ރުޅި ގަދަވެފައިވާ ބައިވެރިޔާގެ ރުޅި އިތުރަށް ގަދަވާނެ ކުރު ޖުމްލައެކެވެ. ބައިވެރިޔާއާއި ދިމާއަށް މިހެން ބުނުމަކީ ހަމަ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. މީގެ އިތުރުން ބަހެއް ނުބުނެ ގެއިން ނިކުމެގެން ދިއުން ނުވަތަ އެކަމާ އަޅާ ނުލާ ހުރުމަކީވެސް ހައްލެއް ނޫނެވެ.
ހަޔާތުގެ ބައިވެރިޔާ ހާސްވެ ކަންބޮޑުވެ ރުޅިގަދަވެފައިވާނަމަ މިކަންކަން ކުރެވިދާނެ އެވެ.
ހަޔާތުގެ ބައިވެރިޔާ ރުޅިގަދަވަނީ ކޮން ކަމަކާމެދުކަން ފުރަތަމަ ދެނެގަނެވިދާނެ އެވެ. އެއަށްފަހު އެ ހާލަތުން މޫނު އަނބުރާލައި އެކަމަށް ޖޯކު ޖަހައިގެން ނުވާނެ އެވެ. ފުރަތަމަ އަޑު އަހާށެވެ. އަޑު ނާހާ ނިޔާ ކަނޑަނާޅާށެވެ. ސަމާލުކަން ދޭކަން އަންގައިދިނުމުގެ ގޮތުން ބައިވެރިޔާ އާއި ނަޒަރު ހަމަކުރާށެވެ. އަދި ލޯބިން ބައްދާލައި ލޯބިވާކަން ބުނެދީ ހަޔާތުގައި ދިމާވާ ކޮންމެ ކަމަކާއި ކުރިމަތިލާނީ އެކުގައިކަން ހަނދާން ކޮށްދީ އެ ދިމާވެފައިވާ މައްސަލައެއްގެ ހައްލާމެދު ބައިވެރިޔާ އާއެކު މަޝްވަރާކޮށް އެކަމެއް ހައްލު ކުރުމަށް އެކުގައި މަސައްކަތް ކުރަން ވާނެ އެވެ. އަދި މާފަށް އެދެން ޖެހިއްޖެ ހާލަތެއްގައި މާފަށްވެސް އެދެން ވާނެ އެވެ.
އެހެނީ "ލޯބި ލިބޭނީ ލޯބި ދީގެންކަން" މިއީ ވެސް އަހަރެމެން ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް