Advertisement

ޔޯކްޝަޔަރ ވައިލްޑްލައިފް ޕާކުގައި މިނިކާވަގެއް ހަމަލާދީ މީހަކު މަރާލައިފި

10 Oct 2026 | 23:06
-

އިނގިރެސިވިލާތުގެ ޔޯކްޝަޔަރ ވައިލްޑްލައިފް ޕާކުގައި މިނިކާވަގު ގެންގުޅޭ ސަރަހައްދަށް ފިރިހެނަކު ވަދެ، އެ ޖަނަވާރުގެ ހަމަލާގައި އެ މީހާ މަރުވެއްޖެއެވެ.

ސައުތު ޔޯކްޝަޔަރ ފުލުހުން ބުނީ ޑޮންކާސްޓާ ކައިރީގައި އޮންނަ އެ ޕާކުގެ މިނިކާވަގު ސަރަހައްދަށް މީހަކު ވަން ކަމުގެ ރިޕޯޓް މެންދުރުފަހު 13:35 ގައި ލިބުނު ކަމަށެވެ. މިނިކާވަގު އެ މީހާއަށް ހަމަލާދީ، އެ މީހާ މަރުވީ އެ ސަރަހައްދުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. މަރުވި މީހާގެ އާއިލާއަށް އަންގައި، ފުލުހުންގެ ފަރާތުން އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

Advertisement

ފުލުހުން ބުނީ މި ހާދިސާގައި މިނިކާވަގަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި، އެ ޖަނަވާރު ހަމަ އެ ސަރަހައްދުގައި އޮތް ކަމަށެވެ. އަދި ޢާންމުންނަށް އިތުރު ނުރައްކަލެއް ނެތް ކަމަށެވެ. ޕާކު ހުސްކޮށް، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އޮންލައިންގައި ދައުރުވަމުންދާ ވީޑިއޯތައް ޝެއާ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ޕާކުގެ ތަރުޖަމާނު ބުނީ "މިއަދު ހިނގި މި ހިތާމަވެރި ހާދިސާއާ މެދު އަޅުގަނޑުމެން ވަރަށް ހިތާމަކުރަމެވެ. ފުރާނަ ގެއްލިގެން ދިޔަ ފަރާތުގެ އާއިލާއާއި ގާތް މީހުންނާ އެކު އަޅުގަނޑުމެންގެ ހެޔޮ ދުޢާ ވެއެވެ" ކަމަށެވެ. އަދި ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކާ ގާތުން މަސައްކަތްކުރަމުންދާ ކަމަށާއި، ހަފުތާ ބަންދު ނިމެންދެން ޕާކު ބަންދުކޮށްފައި ބާއްވާނެ ކަމަށް ވެސް އެ ޕާކުން ބުނެފައިވެއެވެ.

ޔޯކްޝަޔަރ ވައިލްޑްލައިފް ޕާކު ހުޅުވީ 2009 ވަނަ އަހަރު ކަމަށް ވާއިރު، މިނިކާވަގު ސަރަހައްދު ހުޅުވީ 2011 ވަނަ އަހަރުއެވެ. ދެ އޭކަރުގެ އެ ސަރަހައްދަކީ ދުނިޔެއިން ނެތެމުންދާ އަމޫރު މިނިކާވަގު ގެންގުޅެން ޚާއްޞަކޮށް ބިނާކޮށްފައިވާ ތަނެކެވެ. ޖަންގަލީގައި ގާތްގަނޑަކަށް 500 އެއްހާ އަމޫރު މިނިކާވަގު އުޅޭ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް