ށ. ފޯކައިދޫއާއި މިލަންދޫގައި އިސްލާމީ މަރުކަޒު ބިނާކުރުން ބާރަށް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވެއްޖެ
ށ. ފޯކައިދޫއާއި އެ އަތޮޅު މިލަންދޫގައި ސަރުކާރުން ގާއިމުކުރާ ދެ އިސްލާމީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް ބާރު ސްޕީޑުގައި ހިނގަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ފޯކައިދޫ އިސްލާމީ މަރުކަޒުގެ ފައުންޑޭޝަން ބީމް ޝަޓަރިންގ އާއި ރީއިންފޯސްމަންޓުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށެވެ. މިލަންދޫ މަރުކަޒުގައި މުންނާރުގެ ބައެއް މަސައްކަތްތަކާއި އާރްސީ ވޯލް ފޯމްވަރކް އަދި ރީއިންފޯސްމަންޓުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ފޯކައިދޫ މަރުކަޒު ނިމޭއިރު 700 މީހުންގެ ޖާގައިގެ ނަމާދުކުރާ ބައެއް ހިމެނޭނެއެވެ. އޭގެ އިތުރުން 300 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި ލައިބްރަރީއަކާއި ހަތަރު ކުލާސްރޫމާއި އިމާމު ރޫމަކާއި އޮފީސް ބަޔަކާއި ހިނަވާގެއެއް އެ މަރުކަޒުގައި ހެދުމަށް ރޭވިފައިވެއެވެ. ހަމައެހެންމެ ސޯލާ ހަރުކޮށް އޭސީގެ ނިޒާމު ގާއިމުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިލަންދޫ މަރުކަޒުގައި ވެސް ކޮންފަރެންސް ހޯލަކާއި ލައިބްރަރީއަކާއި ހަތަރު ކުލާސްރޫމާއި އިމާމު ރޫމަކާއި އޮފީސް ބަޔަކާއި ހިނަވާގެއެއް ހެދުމަށް ވަނީ ނިންމައިފައެވެ. އެ މަރުކަޒުގައި ވެސް ސޯލާ ހަރުކޮށް އޭސީ ކުރެވޭނެއެވެ.
މި ދެ މަޝްރޫއު ވެސް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.