މޭރީ ގްރޭސް މަރާލި މައްސަލައިގެ ހުކުމް މާވިން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
އައިޖީއެމްއެޗުގައި ވަޒީފާ އަދާކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މެރުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި، އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އެހެންނަމަވެސް ހައިކޯޓުން އެ މައްސަލަ ބަލައިގެންފައިވާ ކަން އަދި ކަށަވަރެއް ނުވެއެވެ. މާވިންގެ މައްޗަށް ދައުލަތުން އުފުލީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުގެ ވަކީލު ދަށު ކޯޓުގެ ޝަރީއަތުގައި ފާހަގަކުރެއްވީ، މާވިންއަކީ މޭރީގެ ފިރިމީހާ ކަމާއި ދަރިފުޅުގެ ބައްޕަ ކަމާއި ފެންވަރު ހުރި ނަރުހެއް ކަމެވެ. އެހެން ނަމަވެސް އެ ކުށުގެ އަމަލުގައި ރަހުމެއް، ކުލުނެއް ނުވަތަ ހަމްދަރުދީއެއް ނެތް ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ދައުލަތުން އެދުނީ މާވިންއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިދީ، ކުށުގެ އަދަބު ވީ އެންމެ ބޮޑެއް ކޮށްދިނުމަށެވެ. ޝަރީއަތުގައި އަދަބާ ބެހޭ ބަހުސަށް ފަހު މާވިންއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުން، ބުނާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް އޭނާ ބުނެފައިވެއެވެ.
2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހިނގި މި ހާދިސާގައި މާވިންގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް ވެސް ތިން ދައުވާއެއް ސާބިތުވެފައިވެއެވެ. އެއީ މެރުމުގައި ބައިވެރިވުމާއި، ހުއްދަ ނޫން ގޮތުގައި އެހެން މީހެއްގެ މުދަލަށް ބާރު ހިންގުމާއި، ހުއްދަ ބޭނުންވާ ކަމެއް ހުއްދަ ނެގުމެއް ނެތި ކުރުމުގެ ކުށެވެ. ލަމްހާއަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
މި މައްސަލައިގައި ބަންދުގައި ހުރި ދުވަސްވަރު މާވިން ވަނީ އިސްލާމް ދީން ގަބޫލުކޮށް، ނަން ޔޫސުފަށް ބަދަލުކޮށްފައެވެ. އެ ކަން އިސްލާމިކް މިނިސްޓްރީއަށް ވެސް އޭނާގެ ފަރާތުން އަންގާފައިވެއެވެ. މި މައްސަލައިގެ އިސްތިއުނާފް މަރުހަލާ ހައިކޯޓުން ކުރިއަށް ގެންދާ ގޮތެއް އަދި ހާމަވެފައެއް ނުވެއެވެ.