Advertisement

ތާވަލާއި އެއްގޮތަށް އެންމެ އަވަހަށް ނިންމައިލެވޭނީ މަގޫދޫ އެއާޕޯޓު: ސައުދީ

10 Oct 2026 | 21:13
-

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިހާރު ކުރިއަށް ގެންދާ އެއާޕޯޓު މަޝްރޫއުތަކުގެ ތެރެއިން ތާވަލާ އެއްގޮތަށް އެންމެ ކުރިން ނިންމައިލެވޭނީ ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައުދީ ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެހެން މަޝްރޫއުތައް ކަމުގައިވާ މަކުނުދޫ އެއާޕޯޓުގެ މަސައްކަތް އަދި ފެށުނީ ކަމަށެވެ. އަލިފުށީ އެއާޕޯޓާ ގުޅޭ ގޮތުން ވިދާޅުވީ އެ ތަނުގެ ރަންވޭ ބޮޑުކުރުމަށް ބިން ހިއްކަން ޖެހޭ ކަމަށާއި، އައު ޑްރެޖަރާ އެކު އެ މަސައްކަތް ފެށޭނެ ކަމަށެވެ.

Advertisement

މަގޫދޫ އެއާޕޯޓު 2022 ވަނަ އަހަރުގެ އޮކްޓޫބަރުގައި އެމްޓީސީސީއާ ހަވާލުކުރި އިރު، އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މެދުކެނޑުމެއް އައި ނަމަވެސް މިދިޔަ އަހަރުގެ މެދު ތެރޭ މަސައްކަތް އަލުން ފެށި، މި ދައުރުގައި ނިންމައި ހިދުމަތް ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވެއެވެ. މިހާރު އެ މަޝްރޫއުގެ ބޮޑު އިންސައްތައެއް ވަނީ ނިމިފައެވެ. ފަޔާ ބިލްޑިންގުގެ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް، ޓާމިނަލް އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތް ވެސް ނިމި، ރަންވޭ ސަރަހައްދު ތައްޔާރުކޮށް އެ ބައިގެ މަސައްކަތް ފެށިފައިވެއެވެ.

"ފ. މަގޫދޫއާއި، ފ. ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް އަންނަނީކުރަމުން. އަދި ގުރައިދޫ އެއަރޕޯޓުގެ އެމްޓީސީސީއާ ހަވާލުކުރި ބައި މިހާރު ވަނީ ނިމިފައި. އެ މަސައްކަތް މިހާރު އެމްއޭސީއެލްއާއިވަނީ ހަވާލުކޮށްފައި. މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެެއަރޕޯޓުގެ މަސައްކަތް" ސައުދީ ވިދާޅުވިއެވެ.

231 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި، މަގޫދޫ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެން 1،500 މީޓަރުގެ ރަންވޭއެއް ތަރައްގީކުރެއެވެ. ސިނާއީ އަދި އިޖުތިމާއީ ބޭނުންތަކަށް ހިއްކާ ބައި ހިމެނައިގެން ޖުމްލަ 48 ހެކްޓަރުގެ ބިން ހިއްކައި، އެއާޕޯޓަށް ބޭނުންވާ ބޮޑު ބައެއް މިހާރު ވަނީ ހިއްކައި ނިމިފައެވެ. މި އެއާޕޯޓުގެ ހިންގުން ހަވާލުކޮށްފައި ވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާއެވެ.

Advertisement

ކޮމެންޓް