ގައްޒާގެ ހަމަލާ ހުއްޓައިލުމުގެ އެއްބަސްވުމަށް އަހަރެއް ވީއިރު ވެސް ހާލަތު ބަދަލެއް ނުވޭ: 100 އަށް ވުރެ ގިނަ ޖަމާއަތް
ގައްޒާގައި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް އެއް އަހަރު ފުރުނުއިރު ވެސް އިސްތިއުމާރީ އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނު ރައްޔިތުން ކޮންމެ ދުވަހަކު މަރުވަމުންދާ ކަމަށް ބުނެ، 100 އަށް ވުރެ ގިނަ ބައިނަލްއަގުވާމީ ޖަމާއަތަކުން ހުކުރު ދުވަހު ގުޅިފައިވާ ބަޔާނެއް ނެރެފިއެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލް އާއި ނޯވީޖިއަން ރެފިއުޖީ ކައުންސިލާއި ސޭވް ދަ ޗިލްޑްރެން އާއި އޮކްސްފެމް އަދި ގްރީންޕީސް ހިމެނޭ ގޮތަށް ގިނަ ޖަމާއަތްތަކުން ނެރުނު ބަޔާނުގައި ބުނީ، 2025 ވަނަ އަހަރުގެ އޮކްޓޫބަރު 10 ވަނަ ދުވަހު އަމަލުކުރަން ފެށި ހަމަލާ ހުއްޓައިލުމުގެ އެއްބަސްވުމަކީ ހަމައެކަނި ނަމެއްގައި އޮތް އެއްޗެއް ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން، އެ އެއްބަސްވުމަށް ފަހު ވެސް އިޒްރޭލުގެ ހަމަލާތަކުގައި 1,400 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން މަރައިލާފައިވާ އިރު، އޭގެ ތެރޭގައި މަދުވެގެން 327 ކުޑަކުއްޖަކު ހިމެނެއެވެ. އެހީއާއި ސާމާނާއި އިމާރާތްކުރުމުގެ ތަކެތި ވެއްދުން ހުއްޓުވައިފައި އޮތުމުގެ ސަބަބުން އާއިލާތަކަށް އާ ދިރިއުޅުމެއް ފެށެން ނެތް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"ހަމަލާ ހުއްޓައިލުމުގެ އެއްބަސްވުމުގައި ސޮއިކުރިތާ ފުރިހަމަ އެއް އަހަރު ވީއިރު ވެސް ގައްޒާގެ ފަލަސްތީނު ރައްޔިތުންގެ ހާލަތަށް އެއްވެސް ބަދަލެއް ނައިސް އޮތުމަކީ ލަދުވެތި ކަމެއް" ކަމަށް ނޯވީޖިއަން ރެފިއުޖީ ކައުންސިލްގެ ސެކެޓަރީ ޖެނެރަލް ޔާން އެގެލެންޑް ބުންޏެވެ. ސޭވް ދަ ޗިލްޑްރެންގެ ޗީފް އެގްޒެކެޓިވް އިންގާ އާޝިން ބުނީ ކުޑަކުދިން މެރުން ހުއްޓައިނުލައި، އާއިލާތަކަށް ދިރިއުޅުން އާރާސްތު ނުކުރެވޭ ނަމަ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް އޮތަސް އެއީ ބޭކާރު އެއްޗެއް ކަމަށެވެ. ހަމަލާ ހުއްޓައިލި ފަހުން "ގާތްގަނޑަކަށް ކޮންމެ ދުވަހަކު ކުޑަ ކުއްޖަކު މެރެއެވެ" ކަމަށް ވެސް އޭނާ ބުންޏެވެ.
ހުކުރު ދުވަހު ވެސް ގައްޒާގެ މެދުތެރޭ ސަރަހައްދުތައް ކަމަށްވާ އަލް މުސައްދަރާއި މަގާޒީ އާއި ބުރައިޖް ރެފިއުޖީ ކޭމްޕުތައް ހިމެނޭ ސަރަހައްދަށް އިޒްރޭލުން ބަޑީގެ ހަމަލާ ދީ މަދުވެގެން އެއް ފަލަސްތީނު މީހަކު މަރައިލައިފައިވެއެވެ. ދެކުނުގެ ހާން ޔުނިސްގައި ބަނީ ސުހައިލާ ވށަބުރާ ދިމާއަށް ޓޭންކުތަކުން ވެސް ވަރުގަދަ ހަމަލާތައް ދީފައިވެއެވެ. ބުރާސްފަތި ދުވަހު ގައްޒާގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތަކާއި ބޮން އެޅުމުގައި މަދުވެގެން އަށް ފަލަސްތީނު ރައްޔިތުން މެރިއެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރުގައި ފެށުނު ގަތުލުއާންމުގައި ތިން އަހަރު ތެރޭ 74,254 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 175,000 މީހުން ޒަހަމްވެފައިވެއެވެ. އެއީ ގައްޒާގެ ކޮންމެ 13 މީހަކުން ގާތްގަނޑަކަށް އެކެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާކުރުންތައް ދައްކާ ގޮތުން ޒަހަމްވި މީހުންގެ 24 އިންސައްތައަކީ އެ މީހުންގެ ދިރިއުޅުން ބަދަލުވާ ވަރުގެ ޒަހަމް ލިބިފައިވާ ފަރާތްތަކެވެ. އެ ބަޔާނުގައިވާ ގޮތުން 18,500 އަށް ވުރެ ގިނަ ބަލިމީހުންނަށް ބޭރަށް ބަދަލުކޮށްގެން ފަރުވާ ހޯދަން ޖެހިފައިވާ އިރު، ފަރުވާ ނުލިބި 1,000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ގައްޒާގެ 36 ހޮސްޕިޓަލުގެ ތެރެއިން އެއްވެސް ހޮސްޕިޓަލެއް ފުރިހަމަ ގޮތުގައި ހިނގަމުން ނުދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، ގާތްގަނޑަކަށް ދެ މިލިއަން ފަލަސްތީނު ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުންވެ، 80 އިންސައްތަ އިމާރާތް ހަލާކުވެފައި ވާ އިރު 1.4 މިލިއަން މީހުންނަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައިވެއެވެ. ހަނގުރާމަ ހުއްޓައިލުމުގެ ތަރައްގީބު ތެރެއިން ކަނޑައެޅި "ރީނދޫ ރޮނގު" ވެސް އިޒްރޭލުން ހިތުހުރި ގޮތަކަށް ބަދަލުކޮށް، ފަލަސްތީނު ރައްޔިތުން ކުރިއަށް ވުރެ ވެސް ދަތި ސަރަހައްދުތަކަށް ބާރުކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސެކެޓަރީ ޖެނެރަލް އެގްނެސް ކެލަމާޑް ބުނީ "ޖަވާބުދާރީ ކުރުވުން ކުނިވެފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުނުލެވޭނެ" ކަމަށެވެ. ބައިނަލްއަގުވާމީ ކޯޓު އޮފް ޖަސްޓިސްގެ ލާޒިމު އަމުރުތައް ތަންފީޒުކުރުމަށް އިޒްރޭލަށް ބާރު ނާޅައި ދޫކޮށްލާފައި އޮތުމުގެ ސަބަބުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ވެސް އޭނާ ބުންޏެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާގެ އަދަދުތަކުގައި ހޮސްޕިޓަލްތަކުގައި ރެކޯޑުކުރެވުނު މަރު އެކަނި ހިމެނޭ ކަމަށާއި، ވީރާނާވެފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައި ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައިވާ އެތައް ބައެއް އެ އަދަދުގައި ނުހިމެނޭތީ ހަގީގީ އަދަދު މާ ބޮޑުވާނެ ކަމަށް ބެލެވެއެވެ.