ނުބައި ވަހާއި ޖަރާސީމުން ސްޓެއިންލެސް ސްޓީލް ފުޅި ރައްކާތެރި ކުރާނެ ފަސޭހަ ގޮތްތަކެއް!
ކޮންމެ ދުވަހަކު ސްކޫލަާއި އޮފީހަށް ނުވަތަ ކޮލެޖަށް ދާއިރު ގެންދާ ސްޓެއިންލެސް ސްޓީލް ފެން ފުޅި ރަނގަޅަށް ސާފުނުކޮށް ގެންގުޅުމުން ނުބައި ވަސް ދުވައި، ލައް ޖަހައި، ޖަރާސީމު އަށަގަންނަ މައްސަލައަށް ގޭގައި ފަސޭހައިން ކަންތައްތަކެއް ހުންނަ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.
ފަހަކަށް އައިސް ހޫނު އަދި ފިނި ބުއިންތައް އެޅުމަށް ސްޓެއިންލެސް ސްޓީލް ފުޅި ބޭނުންކުރާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ސައި ކޮފީ އަދި ފެން ފަދަ ތަކެތި ގިނައިން އެޅުމުން ފުޅީގެ އެތެރެއާއި މަތިގަނޑުގައި ތެތްކަމާއި ހަޑި ޖަމާވެ ނުތާހިރުވާ ގޮތް ދިމާވެއެވެ. އެހެންކަމުން ފުޅި ދޭތެރެ ދޭތެރެއިން ރަނގަޅަށް ސާފުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ފުރަތަމަ ގޮތަކީ ބޭކިން ސޮޑާ ބޭނުންކުރުމެވެ. އެއް މޭޒުމަތީ ސަމުސާ ބޭކިން ސޮޑާ ހޫނު ފެނާ އެއްކޮށް ފުޅިއަށް އެޅުމަށްފަހު ދެތިން ގަޑިއިރު ބެހެއްޓުމުން ލައްތަކާއި ވަސް ފިލައެވެ.
ދެވަނަ ގޮތެއްގެ ގޮތުގައި ހުދު ވިނެގާ ބޭނުންކުރެވޭނެއެވެ. ހަމަހަމައަށް ވިނެގާއާއި ހޫނު ފެން އެޅުމަށްފަހު ވިހި މިނެޓާއި ތިރީސް މިނެޓާ ދެމެދު ބެހެއްޓުމުން ހަރުލާފައި ހުންނަ ހަޑިތައް ފިލައެވެ.
ތިންވަނައަށް ލުނބޯ ފެލައި ކުޑަ ލޮނުކޮޅެއް އެއްކޮށް ފުޅީގެ ތެރެއަށް އެޅައި މަޑުމަޑުން ތެޅުވުމަށްފަހު ރީތި ފެނުން ދޮވެލުމުން ފުޅީގެ ތާޒާކަން އެނބުރި އާދެއެވެ.
ގިނަ ބަޔަކު ހަނދާން ނެތިފައި އޮންނަ ކަމަކީ ފުޅީގެ މަތިގަނޑު ވަކިން ސާފުކުރުމެވެ. މަތިގަނޑުގެ ރަބަރު ސީލްގައާއި ދަތިތަކުގެ ތެރޭގައި ޖަރާސީމާއި ތެތްކަން ޖަމާވާތީ ހޫނު ފެނާއި ސައިބޯނި ލައިގެން ވަކިން ދޮވެ ސާފުކުރަން ޖެހެއެވެ. އަދި ދޮވެ ނިމުމުން ފުޅީގެ މަތި ނުޖަހައި ރަނގަޅަށް ހިއްކުމަކީ މުހިންމު ކަމެކެވެ.
ތެތް ފުޅި ބަންދުކޮށް ބެހެއްޓުމުން ނުބައި ވަސް ދުވައި ތެތްކަން ޖަމާވެ ބެކްޓީރިއާ އުފެދެއެވެ. މި ގޮތްތައް ޢާންމުކޮށް ބޭނުންކޮށް ފުޅި ރަނގަޅަށް ހިއްކައިގެން ގެންގުޅުމުން ކޮންމެ ދުވަހަކުވެސް ތާޒާ އަދި ސާފު ފުޅިއެއް ބޭނުންކުރެވޭނެއެވެ.