Advertisement

ދުވަސްވީ މީހުން އޮންލައިން ސްކޭމްތަކުން ރައްކާތެރިވުމަށް އުރީދޫން ޕްރޮގްރާމެއް ހިންގައިފި

22 Sep 2026 | 19:39
އުރީދޫން ކުރިޔަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: އުރީދޫ

އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް އޮންލައިން ސްކޭމްތައް ދެނެގަނެ އެފަދަ ކަންކަމުން ސަލާމަތްވާނެ ގޮތް ދަސްކޮށްދިނުމުގެ ސެޝަނެއް އުރީދޫ އާއި ފުލުހުން ގުޅިގެން ބާއްވައިފިއެވެ.

މާލެ އާއި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މީހުންނަށް ގެއްލުން ދިނުމުގެ ނިޔަތުގައި ކުރާ ފޯނު ކޯލުތަކާއި މެސެޖުތައް ފާހަގަކުރާނެ ގޮތް ބައިވެރީންނަށް ކިޔައިދީފައިވެއެވެ. ފިޝިން ލިންކުތައް މެދުވެރިކޮށް ޒާތީ މަޢުލޫމާތު ވަގަށް ނެގުމާއި އެހެން ބައެއް ކަމަށް ހެދިގެން ގުޅައި އޮޅުވައިލުމާއި މާލީ ނުވަތަ ޒާތީ ތަފުސީލު ހޯދަން މަސައްކަތް ކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ވެސް ސެޝަންގައި ތަފުސީލުކޮށްދީފައިވެއެވެ.

Advertisement

ޕާސްވޯޑާއި އެއްފަހަރު ބޭނުންކުރެވޭ ކޯޑު (އޯޓީޕީ) އާއި ބޭންކިން މަޢުލޫމާތު ފަދަ ސިއްރު ތަފުސީލު ހިމާޔަތްކުރާނެ ގޮތް ބައިވެރީންނަށް އޮޅުންފިލުވައިދީފައިވެއެވެ. ޝައްކުކުރެވޭ ފަދަ މުޢާމަލާތެއް ކުރިމަތިވެއްޖެ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު ވެސް ފުލުހުން ދީފައިވެއެވެ. ހަމައެއާ އެކު ސްމާޓްފޯނާއި ޢާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ޚިދުމަތްތައް ރައްކާތެރިކަމާ އެކު ބޭނުންކުރާނެ ގޮތް ޢަމަލީ ގޮތުން ދައްކައިދީ ބައިވެރީންގެ ސުވާލުތަކަށް ޖަވާބުދީފައިވެއެވެ.

އުރީދޫ މޯލްޑިވްސް އިން 2018 ވަނަ އަހަރުން ފެށިގެން އިސްރަށްވެހިންގެ ނާދީއާ ގުޅިގެން ދޮށީ ޢުމުރުގެ ފަރާތްތަކަށް އެކި ހަރަކާތްތައް ހިންގަމުން ގެންދެއެވެ. މި ސެޝަނަކީ ވެސް އެ ގުޅުމުގެ ތެރެއިން ރައްކާތެރި ޑިޖިޓަލް މާޙައުލެއް ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

Advertisement

ކޮމެންޓް