ޕީއެންސީ މެންބަރުންގެ ވަފުދެއް ޕާކިސްތާނަށް ވަޑައިގެންފި
ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދެއް އެ ގައުމަށް ވަޑައިގެންފި އެވެ.
ޕީއެންސީން ބުނީ މި ވަފުދުގައި 16 މެންބަރުން ހިމެނޭ ކަމަށެވެ. އެ ވަފުދު ޕާކިސްތާނަށް ވަޑައިގެންނެވީ އިއްޔެ އެވެ.
މި ދަތުރުގެ ތެރެއިން ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކޮށް އެ ޤައުމުގެ މެންބަރުންނާ ބައްދަލުކޮށް ތަޖުރިބާއާއި ޚިޔާލު ބަދަލުކުރުމަށް ވަނީ ރޭވިފައެވެ.
ޕީއެންސީން ބުނީ މި ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ. ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ އިތުރުން ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުން ވެސް ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުގައި ޕާކިސްތާނު ސަރުކާރުގެ ބައެއް އިސް ވެރީންނާ ބައްދަލުކުރެއްވިއިރު ވަފުދުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރަކާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދާއި ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަހަރުގެ ދަތުރަކީ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހާ ގުޅުން ބަދަހިކުރުމަށް ޕީއެންސީން ކުރާ ދެވަނަ ދަތުރެވެ.