ދާރުލްޢުލޫމް އަލުން ތަރައްޤީކޮށް ތަޢުލީމީ މިއުޒިއަމެއްގެ ގޮތުގައި ހުޅުވާލަނީ
މަޖީދިއްޔާ ސްކޫލުގެ ގޯތިތެރޭގައި ހުރި ތާރީޚީ ބިނާއެއް ކަމުގައިވާ ދާރުލްޢުލޫމް އިމާރާތް އޭގެ އަސްލު ފެންނަ ގޮތަށް އަލުން ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
މަޖީދިއްޔާއަށް 100 އަހަރު ފުރުމާ ގުޅިގެން ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. އަހުމަދު މުހައްމަދު ވިދާޅުވީ ދާރުލްޢުލޫމާއި ކުރިބޯށި އިމާރާތަކީ ތަޢުލީމީ ބިނާތަކުގެ ތެރޭގައި ހުރި އެންމެ ތާރީޚީ ދެ އިމާރާތް ކަމަށެވެ. މަޖީދިއްޔާގެ ސައްތަވީ ބިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ ފަދައިން މި ދެ އިމާރާތް ތަރައްޤީކުރެވޭނީ ރާއްޖޭގެ "ނެޝަނަލް އެޑިޔުކޭޝަން މިއުޒިއަމް" ގެ ގޮތުގައެވެ. މި މިއުޒިއަމުން ރާއްޖޭގެ ތަޢުލީމީ ތާރީޚާއި މަޖީދިއްޔާ ސްކޫލުގެ 100 އަހަރުގެ ދިގު މާޒީ ފެންނާނެ ގޮތަށް މަސައްކަތްތައް ބައްޓަންކުރެވޭނެ ކަމަށް ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކުރިބޯށި އިމާރާތުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާގެ އައު އިމާރާތް ނިމުމުން ކަމަށާއި ނަމަވެސް ދާރުލްޢުލޫމް މަރާމާތުކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ދާރުލްޢުލޫމްގެ ހޯލަށް އެކި ދުވަސްވަރު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އިހުގެ ބައެއް ސިފަތައް ގެއްލިފައިވާ ކަމަށާއި އެ ބިނާގެ އަސްލު ރީތިކަމަށް ރުޖޫޢަކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. މި މަސައްކަތް ކުރިއަށް ދާނީ ތަޢުލީމީ ވުޒާރާއާއި މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ އަދި ކަމާ ގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.
"ވަޒީރު ވަރަށް ބޮޑައް އިރުޝާދު ދެއްވާފައި އޮތް އެއްކަމަކީ. މި ހޯލަކީ ރާއްޖޭގައި މިހެން ބޭއްވޭ ވަރަށް މުހިންމު ބައެއްކަހަލަ ކުދި ކުދި ހަފްލާތައްވިއަސް ކަންތައް ކުރެވޭނެ ކަހަލަ ގޮތަކަށް ތަރައްޤީކުރެވިގެންދާ ރީތި ހޯލެއްގެ ގޮތުގައި ތާރީހީ އާސާރީ ތަނެއްގެ ގޮތުގައި އަދި އާންމުނަށްވެސް ބޭނުން ކުރެވޭނެ ގޮތަށް އެތަން ތަރައްޤީކުރަން" ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
ދާރުލްޢުލޫމް އިމާރާތް އެޅުމުގެ މަސައްކަތް ކުރެވުނީ މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި 1952 ވަނަ އަހަރުގައެވެ. މި ބިނާގައި ބޭއްވުނު އެންމެ މުހިންމު ހަރަކާތަކީ 1 ޖެނުއަރީ 1953 ގައި ރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމު ނިމުމަކަށް ގެނެސް ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެންއައި ތާރީޚީ ރަސްމިއްޔާތެވެ.