ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާގައި ކުޑަކުދިން ހިމެނޭ 6 މީހުން ޝަހީދު
އިސްތިއުމާރީ އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކެއްގައި ކުޑަ ދެ ކުދިންނާއި އަލް ޖަޒީރާގެ ކެމެރާމަނެއް ހިމެނޭ ގޮތަށް މަދުވެގެން ހަ މީހުން ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނި ގޮތުގައި ހޮނިހިރު ދުވަހު ފުރަތަމަ ހަމަލާ އައީ ފަތިހު ދޭއް ޖެހި އިރު ޣައްޒާ ސިޓީގެ އެޕާޓްމެންޓަކަށެވެ. ހޮނިހިރު ދުވަހުގެ ހަވީރު އިސްރާއީލުން ދިން ތިން ހަމަލާއެއްގައި ހަތަރު މީހުން ޝަހީދުވެ މަދުވެގެން ބާރަ މީހުން ޒަޚަމްވިއެވެ. މީގެ ތެރެއިން ފުރަތަމަ ހަމަލާ އެރީ ޣައްޒާގެ މެދުތެރޭގައި އޮންނަ ބުރައިޖް ރެފިއުޖީ ކޭމްޕުގެ ގެއަކަށް ކަމަށާއި އެ ހަމަލާގައި އަލް ޖަޒީރާގެ ކެމެރާމަން އަހުމަދު ވިޝާހް ހިމެނޭ ގޮތަށް ތިން މީހުން ޝަހީދުވި ކަމަށް އަލް އަޤްސާ ހޮސްޕިޓަލުން ބުނެއެވެ. ވިޝާހް ޝަހީދުވި ކަން އަލް ޖަޒީރާއިން ވެސް ކަށަވަރުކޮށްދީފައިވެއެވެ.
އިސްރާއީލު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އަލް ޖަޒީރާގެ ކެމެރާމަން މެރީ "ސީދާ ހަމަލާއެއް"ގައި ކަމަށެވެ. އަދި އޭނާއަކީ ހަމާސްގެ އަސްކަރީ ގޮފީގެ ބައިވެރިއެއް ކަމަށާއި އެ ސަރަހައްދުގައި ތިބޭ ސިފައިންނަށް ނުރައްކާ ކުރި މީހެއް ކަމަށް ވެސް އިސްރާއީލު އަސްކަރިއްޔާއިން ބުންޏެވެ.
ހަމަލާ އެރި އެޕާޓްމެންޓުގައި ހުރި މީހެއް ކަމަށްވާ މުހައްމަދު ސަފަދީ ބުނީ "އަހަރެން ގޭގައި އިންދައި އިންޒާރެއް ނެތި ރޮކެޓް ވެއްޓުނީ އަހަރެމެން ގައިމައްޗަށް" ކަމަށެވެ. "އޮކިއުޕޭޝަނާއި ނެގޯޝިއޭޝަން ޓީމުން ދައްކާ ސީޒްފަޔާ... މިއީ ހަމަ ސީޒްފަޔާއެއްތަ އަހަރެމެންނަކީ އާންމު ރައްޔިތުން. އަހަރެން ދުވަހަކުވެސް ހަތިޔާރެއް ނުއުފުލަން" ކަމަށް ވެސް އޭނާ ބުންޏެވެ.
އޮކްޓޫބަރު މަހު އިސްރާއީލާއި ހަމާސްއާ ދެމެދު ވެވުނު ސީޒްފަޔާއަށް ފަހު ވެސް ޣައްޒާއަށް ގާތްގަނޑަކަށް ކޮންމެ ދުވަހަކު ހަމަލާ ދެމުންދާ ކަމަށާއި އެ ހަމަލާތަކުގައި 1000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިސްވެ ދެކުނު އިސްރާއީލަށް ދިން ހަމަލާގައި 1200 މީހުން މެރި 251 މީހުން ރަހީނުކުރިއެވެ. އޭގެ ފަހުން އިސްރާއީލުން ޣައްޒާގައި ހިންގި އަސްކަރީ އޮޕަރޭޝަނުގައި ސީޒްފަޔާއަށް ފަހު ޝަހީދުވި މީހުން ހިމެނޭ ގޮތަށް 73018 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.