ހިލޭ އެހީގެ ގޮތުގައި އަންދާޒާއަށްވުރެ 5.3 އިންސައްތަ އިތުރު އާމްދަނީއެއް ދައުލަތަށް
މި އަހަރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 5.3 އިންސައްތަ އިތުރަށް ފައިސާ ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކުރި މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން މި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 373.6 މިލިޔަން ރުފިޔާއެވެ. ނަމަވެސް މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް 393.6 މިލިޔަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ކަމަށް އެ ރިޕޯޓުން ދައްކައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 128.7 މިލިޔަން ރުފިޔާއެވެ.
އެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަތަށް 19 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 17.3 ބިލިޔަން ރުފިޔާއާ އަޅައި ބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ. ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ ކަމަށް ރިޕޯޓުން ދައްކައެވެ. ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރުގެ 13.2 ބިލިޔަން ރުފިޔާއިން 14.8 ބިލިޔަން ރުފިޔާއަށް އުފުލިފައެވެ.
ޓެކްސް އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. ޓީޖީއެސްޓީ ވަނީ މިދިޔަ އަހަރުގެ 5 ބިލިޔަން ރުފިޔާއިން 6 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިތުރުން ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިޔަން ރުފިޔާއިން 2.5 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.