Advertisement

މޫސުމީ ބަދަލުގެ ގެއްލުމުން އަރައިގަތުމަށް ރާއްޖެއިން އދ.ގައި ބާރުއަޅައިފި

20 Jun 2026 | 13:18
މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއް - ފައިލް ފޮޓޯ: ދުވަސް

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ދައުރުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ދޭ އެހީ އިތުރުކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖޭގެ ފަރާތުން މި ގޮވާލެއްވުން ހުށަހެޅުއްވީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އެކަމަނާ ވަނީ ހުރިހާ ގައުމުތަކުން "މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" (އެމްވީއައި) ބަލައިގަތުމަށް ގޮވާލައްވައިފައެވެ. އެމްވީއައި އަކީ ޖީޑީޕީ ފަދަ އާންމު މިންގަނޑުތަކަށްވުރެ ފުޅާ ދާއިރާއެއްގައި އިޤްތިޞާދީ ތިމާވެށީގެ އަދި އިޖުތިމާޢީ ގޮތުން ގައުމެއްގެ ނާޒުކުކަން ދެނެގަތުމަށް އދ.ން އެކުލަވައިލައިފައިވާ މިންގަނޑެކެވެ.

Advertisement

ޑރ. ސަލްމާ ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެ ފަދަ މޫސުމީ ހިރާސް ބޮޑު ޤައުމުތަކަށް ވަރަށް ބޮޑަށް އަސަރުކުރާކަން ފާހަގަކުރައްވައިފައެވެ. އަދި "ފަންޑް ފޯ ރެސްޕޮންޑިންގ" ފަދަ ބައިނަލްއަޤުވާމީ ފަންޑުތަކަށް ބޭނުންވާ ފައިސާ ފުރިހަމައަށް ހަމަޖެއްސުމަށް ރާއްޖެއިން ބާރުއެޅިއެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކާއި އިންސާނީ ޙައްގުތަކާ ބެހޭ ޚާއްޞަ ރެޕަޓުއާއާ އެކު ބޭއްވި މަޝްވަރާގައި ރާއްޖެއިން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާއި މޫސުމީ ވިލުންތެރިކަމާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައިފައެވެ. ދޮށީގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގެ ނަމޫނާ މިސާލެއްގެ ގޮތުގައި ރާއްޖެއިން ފާހަގަކުރިއެވެ. އަދި ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމާއި ހައްލު ހޯދުމުގައި އެ ޤައުމެއްގެ ރައްޔިތުން ބާރުވެރިކުރުމަށް ވެސް ރާއްޖެއިން ގޮވާލިއެވެ.

އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ހަވާސާގައި ބޭއްވި ސަގާފީ ހަރަކާތެއްގައި ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުން ބައިވެރިވެ ރާއްޖޭގެ ސަގާފީ ތަރިކައާއި އަތްތެރި މަސައްކަތްތެރިކަމާއި ދިވެހި ކާނާގެ ރަހަތަކާއި އަދަބިއްޔާތު ދައްކައިލައިފައެވެ.

Advertisement

ކޮމެންޓް