ގޯއްޗާއި ފުލެޓަށް ހުށަހެޅުމުގެ ސުންގަޑި މިރޭ ހަމަވަނީ
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު މިރޭ 23:59 ގައި ހަމަވާނެއެވެ.
ކުރިން މި މުއްދަތު ހަމަވާ ގޮތަށް އޮތީ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވީ ނަމަވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެ މުއްދަތު އިތުރުކޮށްދީފައެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ މުއްދަތު އިތުރުކޮށްފައިވަނީ ޚާއްސަ ހާލަތަކާ އެކުގައި ކަމަށެވެ. އަދި މިހާރު އިތުރުކޮށްފައިވާ މުއްދަތު ހަމަވުމުން އިތުރަށް މުއްދަތު ދިގު ނުކުރާނެ ކަމަށް ވިދާޅުވިއެވެ.
"މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް މި ސްކީމްތަކަށް ހުށަހެޅުމަށް ލިބިގެން ނުދާނެ. އެހެންވީމައި ވަރަށް ސަމާލުކަންދީގެން ޕޯޓަލްގައިވާ މައުލޫމާތުތައް ރަނގަޅަށް ވިދާޅުވެގެން އުސޫލުގައިވެސް ވާ މައުލޫމާތުތައް ވިދާޅުވެ ޕޯޓަލް މެދުވެރިކޮށް ހުށައެޅުއްވުން އެދެން" ކަމަށް ނާޒިމް ވިދާޅުވިއެވެ.
މި ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭ ހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10,000 ގޯތި އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލެ ސަރަހައްދުން 7,900 ފުލެޓް ދޫކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. ފުލެޓް ބެހުމުގައި މާލޭ ރަށްވެހިންނަށް 4,000 އެހެން ރަށްރަށުގެ މީހުންނަށް 1,500 އަދި ޚާއްސަ ކެޓަގަރީތަކަށް 2,400 ފުލެޓް ވަނީ ކަނޑައަޅައިފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބައެއް އުސޫލުތަކަށް ވެސް ބަދަލު ގެނެސްފައެވެ. އެ ގޮތުން ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް ހުރި ނަމަވެސް ގޯއްޗަކަށް ކުރިމަތިލެވޭ ގޮތަށް ވަނީ ހުޅުވާލައިފައެވެ. އަދި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުން ގޯތި ދޫކޮށްލައި ވަކިން ކުރިމަތިލުމުގެ ފުރުސަތާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކެޓަގަރީން ފުލެޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.