ވާގަނޑު ހަރު ނުކޮށް ބަންޖީ ޖަމްޕިންއަށް ދޫކޮށްލި އަންހެނަކު މަރު
ބްރެޒިލްގެ ލިމެއިރާގައި ބަންޖީ ޖަމްޕް ހަރަކާތެއްގައި ސޭފްޓީ ވާގަނޑު ރަނގަޅަށް ހަރުނުކޮށް ދޫކޮށްލުމުން 21 އަހަރުގެ އަންހެނަކު ގާތްގަނޑަކަށް 40 މީޓަރު އުސްމިނުން ވެއްޓި މަރުވެއްޖެއެވެ.
މަރުވީ ފިޒިކަލް އެޑިޔުކޭޝަން އެންޑް ސްޕޯޓްސް މެނޭޖްމަންޓުން ދާދި ފަހުން ގްރެޖުއޭޓް ވެފައިވާ މާރިޔާ އެޑުއާޑާ ރޮޑްރީގެސް ޑީ ފްރެއިޓަސް އެވެ. ހާދިސާ ހިނގީ ސައޮ ޕައުލޯ ސްޓޭޓުގައި އެކްސްޓްރީމް ސްޕޯޓްސްގެ ހަރަކާތްތައް ހިންގާ "ޕޮންޓެ ޑޯ އެސްކެލެޓޯ" (ސްކެލެޓަން ބްރިޖް) ގައެވެ. ހޮނިހިރު ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި އެ ތަނުގައި ތިބި މީހުން ބުނީ ފުންމާލި ވަގުތު ސޭފްޓީ ވާގަނޑު ރަނގަޅަށް ހަރުކޮށްފައި ނެތް ކަމަށެވެ. ޕެރަމެޑިކުންނާއި ފަޔާ ފައިޓަރުން އެ ސީނުގައި އޭނާ މަރުވެފައިވާ ކަން ކަށަވަރުކޮށްދިނެވެ.
ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި ހަރަކާތް ހިންގި ޓީމުގެ މެމްބަރުން އޭނާ ޕްލެޓްފޯމަށް ގެންގޮސް ދޫކޮށްލި ވަގުތު "ކުދީންނޭ ވާގަނޑު!" މިހެން ގޮވާ އަޑު އިވެއެވެ. ސޭފްޓީ ވާގަނޑު ގުޅާފައި ނެތްކަން އެ ވަގުތު އެ މީހުންނަށް ރޭކާލީއެވެ. ފުންމާލުމުގެ ކުޑައިރުކޮޅެއް ކުރިން ފްރެއިޓަސް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ސަމާސާ ރާގެއްގައި ލިޔެފައިވެއެވެ: "ބްރިޖަކުން ފުންމާލަން އަހަންނަށް ހުއްދަ ދިން މޮޔައަކީ ކާކު"
ފްރެއިޓަސްގެ ބައިވެރިޔާ ހާދިސާ ހިނގި ތަނަށް އައިސް ހާލު ދެރަވެ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. މި ހަރަކާތް ހިންގުމުގައި އިސްކޮށް އުޅުނު ދެ މީހަކު އެ ސީނުން ފިލި ނަމަވެސް ހެލިކޮޕްޓަރު ބޭނުންކޮށްގެން ޖަންގަލީ ސަރަހައްދުން އެ މީހުން ހޯދައި ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މިލިޓަރީ ފުލުހުން ބުންޏެވެ. މި މައްސަލަ ލިމެއިރާގެ ދެވަނަ ޕޮލީސް ޑިސްޓްރިކްޓަށް ވަނީ ހުށަހަޅައިފައެވެ.