އެމެރިކާ-އީރާން އެއްބަސްވުމުގައި މިއަދު ސޮއިކުރާނެ ކަމަށް ޓްރަމްޕް ބުނެފި
އެމެރިކާއާއި އީރާނާ ދެމެދު އެކުލަވައިލި އެއްބަސްވުމުގައި މިއަދު ސޮއިކުރާނެ ކަމަށާއި ސޮއިކުރުމާ އެކު ހޮރްމޫޒް ކަނޑުއޮޅި ބައިނަލްއަޤުވާމީ ބޯޓުފަހަރަށް ވަގުތުން ހުޅުވައިލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް އޭނާގެ ޓްރުތް ސޯޝަލް ޕްލެޓްފޯމުގައި ލިޔުނު ގޮތުގައި މި އެއްބަސްވުމަކީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވާ އެއްބަސްވުމެކެވެ. ތެހެރާނުން ދެން ނިއުކްލިއާ ހަތިޔާރު ބޭނުން ނުވާ ކަމަށާއި އުފެއްދުމުން ވެސް ގަތުމުން ވެސް އެ ނޫން ގޮތަކުން ވެސް އެ ތަކެތި ހޯދައިގެން ނުވާނެ ކަމަށް ޓްރަމްޕް ބުންޏެވެ. މި އެއްބަސްވުމުގެ ދަށުން ފައިސާ ބަދަލު ނުކުރާނެ ކަމަށާއި ކުރީގެ ސަރުކާރުތަކާ ޚިލާފަށް އީރާނާ އެކު މިހާރު އޮތީ މާ ރަނގަޅު ގުޅުމެއް ކަމަށް ވެސް އޭނާ ބުންޏެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ "ނިއުކްލިއާ ޑަސްޓް" ފަހުގެ މަރުހަލާއެއްގައި ނައްތައިލާނެ ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.
ޓްރަމްޕް މި އިއުލާނު ކުރީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް މަޝްވަރާތައް ފައިނަލް މަރުހަލާއަށް ގޮސްފައިވާ ކަމަށާއި 24 ގަޑިއިރު ތެރޭ ސުލްހައިގެ އެއްބަސްވުމެއް ނިންމިދާނެ ކަމަށް ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ. ޕާކިސްތާނުން ވަނީ އެޕްރީލް މަހު ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށް ދެ ފަރާތުގެ މެދުގައި މެދުވެރިކަން ކުރަމުން ގެންގޮސްފައެވެ. އެމެރިކާގެ އޮފިޝަލުން އެކްސިއޮސް އަށް ބުނީ ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާނީ ވާޗުއަލް ކޮށް ކަމަށް ބެލެވޭ ކަމަށެވެ.
ނަމަވެސް އީރާނުން ވަނީ މިއަދު ސޮއިކުރެވޭނެ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ "މެމޮރެންޑަމްގައި ސޮއިކުރާނެ ސީދާ ވަގުތެއް ބުނަން އަދި ނޭނގޭ، މިއަދު ނުވާނެ ކަމަށް ބެލެވުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މިކަން ހިނގުން އެކަށީގެންވާ ކަމެއް ކަމުގައި ދެކެން" ކަމަށެވެ. ބަޣާއީ ވިދާޅުވީ އީރާނުގެ މަޝްވަރާ ޓީމުން ކުރިއަށް އޮތް ދެ ދުވަހު ޖެނީވާ ނުވަތަ އެ ނޫން ތަނަކަށް ވެސް ދަތުރުކުރަން ރާވައިފައި ނުވާ ކަމަށެވެ.
އެމެރިކާއާއި އިސްތިއުމާރީ އިސްރާއީލުން ފެބްރުއަރީ 28 ގައި ވަނީ ތެހެރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އީރާނު ސަރުކާރުން ކުރިމަތިވާ ނުރައްކާ ކަމަށް ބުނެ އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ފަށައިފައެވެ. އީރާނުން ރައްދުގައި އިސްރާއީލަށާއި ގަލްފު ގައުމުތަކަށް ހަމަލާ ދީ ދުނިޔޭގެ ހަކަތަ ބޭރުކުރުމުގެ މުހިންމު މަގެއް ކަމުގައިވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރިއެވެ.