Advertisement

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން ހުރިހާ ޑިރެކްޓާ ޖެނެރަލުން މަގާމުން ވަކިކޮށްފި

11 Jun 2026 | 10:20
މ. އަތޮޅު ކައުންސިލް އިދާރާގެ ފޮޓޯއެއް.

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން އެ ކައުންސިލްތަކުގައި މަސައްކަތް ކުރެއްވި ހުރިހާ ޑިރެކްޓާ ޖެނެރަލުން އިއްޔެ މަގާމުން ވަކިކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ޑީޖީން މަގާމުން ވަކިކުރީ އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން ކަމަށެވެ. އެ ބޭފުޅުން ވަކިކުރީ ގަވާއިދާ އެއްގޮތަށް ނޯޓިސްގެ މުއްދަތުގެ ފައިސާ އަދި ރިޑަންޑެންސީ އިނާޔަތް ލިބޭ ގޮތަށް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ. ޑިރެކްޓާ ޖެނެރަލުންނަކީ ކައުންސިލްތައް އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސް ފަރާތެވެ.

Advertisement

ގާނޫނުއަސާސީއަށް އިސްލާހު ގެނެސް އަތޮޅު ކައުންސިލްތައް އުވާލީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. އެ އިސްލާހުގައިވާ ގޮތުން ކައުންސިލްތަކުގެ ދައުރު ހަމަވުމާ އެކު އެ ތަންތަން އުވޭނެއެވެ. އާ ކައުންސިލަރުން މިދިޔަ މަހުގެ 17 ގައި ހުވާކުރުމާ އެކު އަތޮޅު ކައުންސިލްތައް އުވި އެ ތަންތަން ވަނީ އެލްޖީއޭގެ އަތޮޅު އޮފީހަށް ބަދަލުކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ބަދަލާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި މުސާރައާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް ކަމާ ބެހޭ އިދާރާތަކުގައި މީގެ ކުރިން އެދިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް