Advertisement

ސިންގަޕޫރުގައި އަނބިމީހާޔާއެކު ވިޔަފާރިކުރަން ގޮސް އެހެން އަންހެނުންތަކެއްގެ "އަޕްސްކާޓް" ވީޑިއޯ ކުރި މީހަކު ޖަލަށް

09 Jun 2026 | 15:24
-

ސިންގަޕޫރުގެ ވީވޯސިޓީ ޝޮޕިން މޯލުގައި އަނބިމީހާ ގޮވައިގެން ވިޔަފާރިކުރަން ގޮސް ހުރެ ހަތަރު އަންހެނެއްގެ އަޕްސްކާޓް ވީޑިއޯ ނެގި ފިރިހެނަކު 11 ހަފުތާއަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އުމުރުން 57 އަހަރުގެ ޕުއާ ތިއަމް ގުއާން 2024 ވަނަ އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހު ކުރި ކުށްތަކާ ގުޅޭ ހަތަރު ވޮޔެރިޒަމް ދައުވާއަށް ޖޫން 9 ވަނަ ދުވަހު ކުށް ގަބޫލުކޮށްފައިވެއެވެ. ޕްރޮސެކިއުޓަރު ބުނި ގޮތުގައި އޭނާ އަނބިމީހާ ގޮވައިގެން ވީވޯސިޓީގައި ހުރެ ފޯނުގެ ވީޑިއޯ ރެކޯޑިން ޖައްސައި ވޮޓްސަންސް ފިހާރައަކަށް ވަދެ ޝޯޓްސްގައި ހުރި އަންހެނެއްގެ ވީޑިއޯ ނެގިއެވެ. ފުލުހުންގެ ތަހުގީގުގައި ޕުއާ ވަނީ އެ ވީޑިއޯ ނެގީ ޖިންސީ އުފާ ހޯދުމުގެ ބޭނުމުގައި ކަމަށް އެއްބަސްވެފައެވެ.

Advertisement

އެއަށް ފަހު އޭނާ ދިޔައީ ފިލްމު ބަލާ މީހުންނާއި ގިނަ ބަޔަކު ތިބި ގޯލްޑެން ވިލެޖް ސިނަމާ ލޮބީއަށެވެ. އެތަނުގައި ކުރު ސްކާޓުގައި ތިބި ތިން އަންހެނެއްގެ އަޕްސްކާޓް ވީޑިއޯ ނެގިއެވެ. އެ ތިން މީހުންގެ ތެރެއިން އެކަކަށް ކުރާ ކަންތައް ފާހަގަވެ އޭނާއާ ކުރިމަތިލައި ފޯނު އަތުލީއެވެ. އެ އަންހެން މީހާގެ ރައްޓެއްސެއް ޕުއާ ހިފެހެއްޓީ ފުލުހުން އައިސް ހައްޔަރުކުރެންދެނެވެ.

ޕުއާގެ ފޯނު ބެލިއިރު 2022 ވަނަ އަހަރުގެ ޖެނުއަރީ އާއި ފެބްރުއަރީ އާ ދެމެދު ހަތް ފަހަރެއްގެ މަތިން އެހެން އަންހެނުންގެ ނަގާފައިވާ ވޮޔެރިސްޓިކް ފޮޓޯތައް ވެސް ފެނުނެވެ. އޭގެ އިތުރުން ޑައުންލޯޑު ކޮށްފައިވާ 165 ބޭއަދަބީ ވީޑިއޯ ވެސް އޭނާގެ ފޯނުގައި ހުއްޓެވެ. ވޮޔެރިޒަމް ކުށް ސާބިތުވާ ނަމަ ސިންގަޕޫރުގައި ދެ އަހަރާ ހަމައަށް ޖަލު ހުކުމާއި ޖޫރިމަނާ އަދި ތައުޒީރީ އަދަބު ވެސް ދެވެއެވެ.

Advertisement

ކޮމެންޓް