ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ފޭސްއައުޓް ޕްލޭނާއެކު ގަވާއިދެއް އެކުލަވާލައިފި
ރާއްޖޭގައި ބޭނުންކުރާ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ގުޅޭ ގަވާއިދެއް ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެކުލަވާލައި އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ހިމަނައިފިއެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވާލި މި ގަވާއިދުގެ މަގުސަދަކީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ގަރާރުން މަނާކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި އެތެރެކުރުމާއި ބާޒާރަށް ނެރުން ހުއްޓުވައި ފިޔަވަޅު އެޅުމެވެ. މި ގަވާއިދު ތަންފީޒުކުރާނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީއާއި އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއާއި ކަސްޓަމްސް އިންނެވެ.
ގަވާއިދުގައިވާ ގޮތުން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް 2030 ގެ ނިޔަލަށް މަދުކުރުމަށް ފޭސްއައުޓް ޕްލޭނެއް ގަވާއިދަށް އަމަލުކުރަން ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި ގެޒެޓުގައި ޝާއިއުކުރަންވާނެއެވެ. އެ ޕްލޭން އެކުލަވާލާނީ ތިމާވެއްޓާއި އިގުތިސާދަށް ކުރާނެ އަސަރަށް ރިއާޔަތްކޮށް ކަމާ ގުޅޭ ފަރާތްތަކުގެ މަޝްވަރާއާ އެކުގައެވެ.
މީގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކުގެ ބަދަލުގައި ބޭނުންކުރެވޭނެ ތަކެތި ލިބެން ހުރި މިންވަރަށް ޕްލޭނުގައި ރިއާޔަތްކުރަން ޖެހޭ ކަމަށާއި އެކަމާ ގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީން ހިންގަންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.