ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ ތިން ދައުވާގެ ހުކުމް މިއަދު އިއްވަނީ
އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ހުކުމް އިއްވުމުގެ އަޑުއެހުން މިއަދު ހަވީރު 4:00 އަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެވެ. މި ދައުވާތަކަށް ޝަމްއާން ވަނީ އިންކާރުކޮށްފައެވެ. މީގެ ކުރިން މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ހުކުމް އިއްވުން ތާވަލުކުރި ނަމަވެސް ދިފާއީ ވަކީލު ރާއްޖެއިން ބޭރުގައި ހުންނެވުމުން އެ ދުވަހު އަޑުއެހުން ފަސްކުރީއެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ބިދޭސީއެއް ހިފެހެއްޓިއިރު އޭނާގެ އަތުން އަތުލި 500000 ރުފިޔާ ޝަމްއާން ފޭރިގަނެ އޭގެ ތެރެއިން 400000 ރުފިޔާ އޭނާގެ އަތުގައި ބެހެއްޓިއެވެ. އަދި އެ ފައިސާގެ ތެރެއިން ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބީއެމްއެލްގެ ލޯން އެކައުންޓަކަށް 149491.46 ރުފިޔާ އަދި އެހެން ލޯން އެކައުންޓަކަށް 110345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ.
ދައުވާގައި އިތުރަށް ބުނެފައިވާ ގޮތުގައި 530000 ރުފިޔާއާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ޝަމްއާންގެ އަމުރަށް ދަންވަރުގެ ވަގުތެއްގައި ދޫކޮށްލިއެވެ. އެއަށްފަހު ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ އޮފިސަރުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް އެ ފައިސާ ހިފައިގެން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަމަށް ދައުވާގައި ބުނެފައިވެއެވެ.
ދައުލަތުން ވަނީ ޝަމްއާންގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 250000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި ބާކީ 150000 ރުފިޔާއަށްވާ ފައިސާ ވެސް ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ. އަދި ބިދޭސީމީހާގެ އަތުން ފޭރުނު ކަމަށް ބުނާ ފައިސާއަށްވާ ބަދަލު ނަގައިދިނުމަށް ވެސް ދައުލަތުން އެދިފައިވެއެވެ.