މަސްވެރިކަން ދަށްވެ މަހުގެ ޑިމާންޑު އިތުރުވާތީ މިފްކޯއިން މަސް ގަންނަ އަގު މަތިކޮށްފި
މަސްވެރިކަން ދަށް މި ދުވަސްވަރު މަސް ގަންނަ އަގު މަތިކޮށް މިފްކޯއިން މިއަދު މަސް ގަންނަނީ ކިލޯއެއް 20 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މަސްވެރިކަން ދަށް މި ދުވަސްވަރު މަސް ބާނާ ނިސްބަތް މަދުވުމުގެ ސަބަބުން މަހުގެ ޑިމާންޑް ވަނީ އިތުރުވެފައެވެ. އެއާ އެކު މި ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މިފްކޯއިން އަންނަނީ މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަމުންނެވެ. އާދިއްތަ ދުވަހު އެ ކުންފުނިން މަސް ގަނެފައި ވަނީ ކިލޯއެއް 18.50 ރުފިޔާއަށެވެ. މިފްކޯއިން ބުނީ މިހާރު އެވްރެޖްކޮށް އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގުތަކަށް ވުރެ ވެސް އެ ކުންފުނީގެ އަގުތައް މަތިކޮށްފައިވާ ކަމަށެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް ވިދާޅުވީ މަސް ގަންނަ އަގު މައިގަނޑު ގޮތެއްގައި ބިނާވަނީ ޑިމާންޑާއި ސަޕްލައިއަށް ކަމަށާއި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެންމެ މަތިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިފްކޯއިން ބުނީ އެ ކުންފުނީގެ ފެލިވަރު ކޫއްޑޫ އަދި އައްޑޫގެ ކާރުހާނާތަކުގެ އިތުރުން ގދ. ތިނަދޫ ފަރެސްމާތޮޑާ ގައްދޫ އިހަވަންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުން އަންގާރަ ދުވަހު މި އަގުތަކުގައި މަސް ގަންނަމުންދާނެ ކަމަށެވެ. މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް މަހުން އުފައްދާ ބާވަތްތައް އިތުރުކުރުމާއި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމާއި ދުނިޔޭގެ ބާޒާރުގައި ދިވެހި މަހުގެ ބާވަތްތައް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.