Advertisement

ޚާރިޖީ ސިޔާސަތު ޕާޓީ ކޯޅުމަށް ވައްދައި، އެންމެ ބޮޑު ގެއްލުން ދިނީ ނަޝީދު: މުންދު

02 May 2026 | 08:15
-

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ޕާޓީ ކޯޅުމާއި އިންތިޚާބީ ވާދަވެރިކަމުގެ ތެރެއަށް ވައްދައި، އެ ދާއިރާއަށް އެހެން ކޮންމެ ބޭފުޅަކަށްވުރެ ބޮޑު ގެއްލުމެއް ދިން ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ދާދި ފަހުން ސަރުކާރުގެ ތަރުޖަމާނު ކަމުގެ މަޤާމަށް އައްޔަންކުރެއްވި މުންދު މިހެން ވިދާޅުވީ ސްރީ ލަންކާގެ "އިންސައިޓް" ޝޯއަށް ދެއްވި އިންޓަވިއުއެއްގައެވެ.

Advertisement

މުންދު ވިދާޅުވީ ރާއްޖޭގައި ކުރިން އިންތިޚާބުތައް ކާމިޔާބުކުރީ އިޤުތިޞާދާއި ވެރިކަން ހިންގުމުގެ ނަތީޖާ ދައްކައިގެން ކަމަށާއި، ޚާރިޖީ ސިޔާސަތު އިންތިޚާބީ މައްސަލައަކަށްވުމުގެ ފެށުން ގުޅިފައިވަނީ ނަޝީދާ ކަމަށެވެ. ނަމަވެސް މިއަދު އެއީ ވަރަށް ޢާންމު ކަމެއްގެ ގޮތުގައި ބަލައިގަނެވިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ރާއްޖޭގެ ކޮންމެ ސަރުކާރެއް ވެސް "ޕްރޯ-އިންޑިއާ" ނުވަތަ "ޕްރޯ-ޗައިނާ" ސަރުކާރެއް ކަމަށް ބުނެ، ދެ ޤައުމުގެ ދޭތެރެއަށް ރާއްޖެ ވައްދައި ނާޒުކު ޙާލަތަކަށް ގެންދިއުމުގެ ނޭދެވޭ ނަތީޖާ ފެނުނު ކަމަށެވެ. އިންޑިއާއާއި ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު އިޤުތިޞާދުތަކުގެ ތެރޭގައި ހިމެނޭ، އެކުގައި ވިޔަފާރިކޮށް އަދި އެކުގައި ވާދަވެރިކަން ވެސް ކުރާ ދެ ޤައުމު ކަމުން، ރާއްޖެ ފަދަ ކުޑަ ޤައުމެއް އެ ދޭތެރެއަށް ވެއްދުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ވިދާޅުވިއެވެ.

ނަޝީދުގެ ވިސްނުމާ ޚިލާފަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ވަރަށް ސާފު ކަމަށާއި، އެއީ "ރާއްޖެ ފުރަތަމަ" އުސޫލު ކަމަށް މުންދު ވިދާޅުވިއެވެ. ރާއްޖެއަށް އިޙުތިރާމުކުރާ، ރާއްޖޭގެ ޤައުމީ މަޞްލަޙަތަށް އެއްބާރުލުންދޭ ކޮންމެ ޤައުމަކާ އެކު ވެސް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށާއި، ޚާއްޞަ އިސްކަމެއް ދެއްވާނީ އަވައްޓެރި ޤައުމުތައް ކަމަށްވާ އިންޑިއާއާއި ސްރީ ލަންކާއަށް ކަމަށް ރައީސް ވިދާޅުވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މުންދަކީ 20 ވަރަކަށް އަހަރު ކުރިން، ރާއްޖޭގައި ޕްރެޒިޑެންޝަލް ސްޕޯކްސްޕާސަންގެ މަޤާމު އުފެދުނު އިރު، އެ މަޤާމަށް އައްޔަންކުރެއްވި ފުރަތަމަ ބޭފުޅާއެވެ. ފާއިތުވި ދުވަސްތަކުގައި އޭނާ ހުންނެވީ ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަޤާމުގައެވެ.

Advertisement

ކޮމެންޓް