ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ގާސިމް
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2008 ގެ ރިޔާސީ އިންތިޚާބަށް ފަހު ރާއްޖޭގެ ސިޔާސީ މަޝްރަޙަށް ބަލާއިރު، ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާ ކަމަށެވެ. އެގޮތުން 2019 އަދި 2023 ގެ އިންތިޚާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވާ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ. މިހާރު މިއޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވާ ފަރާތަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ވެރިކަމުގެ ފުރަތަމަ ހަ މަސް ހޭދަކުރަންޖެހޭ ކަމަށާއި، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށް އާ ސަރުކާރަށް ޖެއްސުންކުރުމާއި ބަޖެޓް ހާވިޔާކޮށްލުމާއި ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ފާއިތުވި މަޖިލީސްތަކުން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަނަށް ވުރެ ގިނަ ފައިސާ ސަލާމަތްކުރެވި، ސިޔާސީ ނިޒާމުގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ކޮރަޕްޝަންގެ ތުހުމަތުތައް ވެސް ކުޑަވެގެންދާނެ ކަމަށެވެ.
މަޖިލީހުން ގެނައި މި އިސްލާޙް ރައީސް ތަސްދީޤު ކުރައްވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އާބަސް ބުނުމުން ކަމަށްވާތީ، އަންނަ އެޕްރީލް މަހު ކުރީކޮޅު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި "ފެންނަ" ކަމަށް ވޯޓު ދެއްވުމަށް ގާސިމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.