އިސްރާއީލުން ޤަތަރަށް ހަމަލަ ދިނުމުން ބާއްވާ އަރަބި – އިސްލާމިކް ކުއްލި ސަމިޓަށް ޤައުމުތަކުގެ ވެރިން ދޯހާއަށް
މާދަމާ ޤަތަރުގެ ދޯހާގައި ފެށުމަށް ހަމަޖެހިފައިވާ އަރަބި-އިސްލާމިކް ސަމިޓުގެ ކުއްލި ބައްދަލުވުމަށް ޤައުމުތަކުގެ ވެރީން ދޯހާއަށް ދަތުރުކުރަމުން އެބަ ގެންދެއެވެ.
އެ ސަމިޓުގެ މި ކުއްލި ބައްދަލުވުން ބާއްވަން ނިންމާފައިމިވަނީ މިދިޔަ އަންގާރަ ދުވަހު ހަމާސްގެ އިސް ވެރީންތަކަކަށް އަމާޒުކޮށް ކަމަށްބުނެ އިސްރާއީލުން ޤަތަރަށް ދިން ހަމަލައާއި ގުޅިގެންނެވެ.
މި ސަމިޓުގެ މާދަމާ ރަސްމީކޮށް ފެށުމުގެ ކުރިން ސަމިޓުގައި ބައިވެރިވާ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް މިއަދު ބާއްވާނެއެވެ.
މި ސަމިޓުގައި ގަލްފް ކޯޕަރޭޝަން ކައުންސިލްގައި ހިމެނޭ މެންބަރު ޤައުމުތައް ކަމުގައިވާ ސައޫދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް، ކުވޭތު، ބަހްރޭނު، އޮމާން އަދި ޤަތަރުގެ އިސް ވެރީން ބައިވެރިވާނެއެވެ. އެގޮތުން އީރާނުގެ ރައީސް މަސްއޫދާއި ތުރުކީގެ ރައީސް އުރުދުޣާން އާއި އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިއާ އަލް ސޫދާނީއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާސް ޝަރީފާއި އެކުވެރި އަރަބި އިމާރާތުގެ ރައީސް ސެއިޚް މުޙައްމަދު ޒައިދު އަލް ނަހްޔާން އާއި ސައޫދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރް އިބްރާހިމް ބައިވެރިވެޑައިގަންނަވާނެ ކަމަށް މަސްދަރުތަކުން ބުނެއެވެ.
އަރަބި-އިސްލާމިކް ސަމިޓުގެ ކުއްލި މި ބައްދަލުވުމުގައި ގުޅިގެން އިސްރާއީލާއިމެދު އަޅާނެ ފިޔަވަޅުތަކާއިމެދު މަޝްވަރާ ކުރާނެ ކަމަށް ބުނެފައިވެއެވެ.
ހަމާސްގެ އިސް ވެރީންތަކަކަށް އަމާޒުކޮށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތަށް ކަމަށްބުނެ އިސްރާއީލުން ޤަތަރުގެ ދޯހާގެ މުހިއްމު އިމާރާތަކަށް ދިން އެ ހަމަލާގައި ބަޔަކު މަރުވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ޤަތަރުގެ ސެކިއުރިޓީ އޮފިޝަރަކުވެސް ހިމެނެއެވެ.