މީޑިއާ ބިލު އަނބުރާ ގެންދިއުމަށް ރައީސް ސޯލިހު ގޮވާލައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު އަނބުރާ ގެންދިއުމަށް ކުރީގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ޙަމަލާއެއް ކަމަށާއި މީޑިއާތައް އުވާލައި، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް މި ބިލަކީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް ކަމަށެވެ.
"ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފަލަމުންދާ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލަން" ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.
މި ބިލާއިމެދު ނޫސްތަކާއި ނޫސްވެރިން އަދި ނޫސްވެރިންގެ ޖަމުޢިއްޔާއިންވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު މި ބިލު ހުށަހެޅުއްވި މެންބަރު އިއްޔެ ވިދާޅުވެފައިވަނީ މި ބިލަކީ ނޫސްވެރިކަން އިތުރަށް ބާރުގަދަވެގެންދާނެ ބިލެއް ކަމަށެވެ.