ބީއެމްއެލްއިން 2025 ގެ ފަހު ކުއާޓަރގައި ރެކޯޑު މާލީ ނަތީޖާއެއް ހާސިލުކުރި

ބޭންކް އޮފް މޯލްޑިވްސް އިން 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި 828.7 މިލިއަން ރުފިޔާގެ ހިންގުމުގެ ފައިދާއަކާއެކު ރެކޯޑް މާލީ ނަތީޖާއެއް ހާސިލްކޮށްފިއެވެ. ބޭންކުން ހާމަކޮށްފައިވާގޮތުގައި ސާފު ފަ...

29 Jan 2026 | 19:56
N/A

N/A

ބޭންކް އޮފް މޯލްޑިވްސް އިން 2025 ވަނަ އަހަރުގެ

ހަތަރުވަނަ ކުއާޓަރގައި 828.7 މިލިއަން ރުފިޔާގެ ހިންގުމުގެ ފައިދާއަކާއެކު ރެކޯޑް

މާލީ ނަތީޖާއެއް ހާސިލްކޮށްފިއެވެ.

ބޭންކުން ހާމަކޮށްފައިވާގޮތުގައި ސާފު ފައިދާގެ

ގޮތުގައި 837.5 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ތިންވަނަ ކުއާޓަރއާ

އަޅައިބަލާއިރު %76.2 ކުރިއެރުމެކެވެ.

2025 ވަނަ އަހަރުގެ މާލީ ނަތީޖާތައް ދައްކާގޮތުން

ބޭންކަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 5.5 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައެވެ.

މިއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %16.1 ގެ ކުރިއެރުމެކެވެ. އަދި ޓެކްސްއަށް

ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %10

އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 3.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. ބޭންކުގެ

ޖުމްލަ އެސެޓް 55.7 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާއިރު، މިއީ މިދިޔަ އަހަރާ

އަޅާ ބަލާއިރު %15 ކުރިއެރުމެކެވެ. މިކަމުން ބޭންކުގެ ބެލެންސް ޝީޓްގެ

ހަރުދަނާކަން ދަމަހައްޓަމުންދާކަން ހާމަކޮށްދެއެވެ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ބޭންކުން ވިޔަފާރިތަކާއި

އާންމު ފަރުދުންނަށް 10 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައި ވެއެވެ. ބޭންކުގެ

ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި

ދެމެހެއްޓިފައިވެއެވެ.

މި ހަރުދަނާ މާލީ ނަތީޖާއާ ގުޅޭގޮތުން ވާހަކަ

ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް

ވިދާޅުވީ 2025 ވަނަ އަހަރު ކާމިޔާބު ކަމާއެކު ނިންމާލެވުނުކަމީ ލިބޭ ވަރަށް ބޮޑު

އުފަލެއް ކަމަށާއި އެ ކުއާޓަރގެ ނަތީޖާއިން ދައްކުވައިދެނީ  ބޭންކްގެ އިސްތިރާޖީ އަމާޒަށް ވާސިލްވެފައިވާކަމާއި

ބޭންކުން މުވައްޒަފުންނަށް ދޭ އަހުމިއްޔަތުކަން ކަމަށެވެ.

"ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދާއިރާތަކުން

ހޯދި ކުރިއެރުމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓެއްގެ ސަބަބުން، ބޭންކުގެ މާލީ

ދުޅަހެޔޮކަން ދަމަހައްޓައި ވަރުގަދަ މާލީ ނަތީޖާއެއް ހާސިލްކޮށް ވަރުގަދަ ބެލެންސް

ޝީޓެއް ދެމެހެއްޓިފައިވޭ. ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި

ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި

އަޅުގަނޑުމެން ދެމިތިބޭނަން" ޝަރީފް ވިދާޅުވިއެވެ.

2025 ވަނަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސްއަށް

ސްޓްރެޓިޖިކް ކުރިއެރުމާއި އައު ވިސްނުންތަކާއިއެކު ކަސްޓަމަރުންނާއި

މުޖުތަމައުތަކާއި، މުވައްޒަފުންނަށްޓަކައި ވެފައިވާ ވަރުގަދަ އަޒުމް

ދައްކުވައިދިން ތާރީހީ އަހަރެކެވެ. މާލީ ދާއިރާގައި ރައްޔިތުންގެ ބައިވެރިވުން

އިތުރުކުރުމާއި ޑިޖިޓަލް ކުރިއެރުންތަކާއި އެކު ގައުމީ ތަރައްގީގެ ރޮނގުން

ބޭންކުން ވަނީ ބޮޑެތި ކާމިޔާބީތައް  ހޯދާފައެވެ. މީގެ ތެރޭގައި 'ގްރީން ރިސޯޓް

ފައިނޭންސިންގ' ތައާރަފުކުރުމާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ

އެންޑް އިންފްރާސްޓްރަކްޗަރ އާއި ގުޅިގެން %5 ގެ ކުޑަ ރޭޓެއްގައި 'ހިޔާވެހި

ފައިނޭންސިންގ' ދޫކުރަން ފެށުމާއި ގެދޮރު ގަތުމަށް ދޫކުރާ ލޯނުތަކުގެ އިކުއިޓީ %5

އަށް ދަށްކުރުމުގެ އިތުރުން 'ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް

ލިމިޓެޑް' އުފެއްދުން ހިމެނެއެވެ.

ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް

ފުޅާކުރުމަށް ރ. ދުވާފަރުގައި ބޭންކުގެ 40 ވަނަ ބްރާންޗް ހުޅުވައި، 'މުޅި

ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއު ނިންމުމާއިއެކު، މީހުން ދިރިއުޅޭ ހުރިހާ

ރަށެއްގައި ބޭންކުގެ ޚިދުމަތް ވަނީ ގާއިމުކޮށްފައެވެ. ޑިޖިޓަލް އަދި ޕޭމަންޓް

ޚިދުމަތްތަކަށް އައި ކުރިއެރުންތަކުގެ ތެރޭގައި، ހުރިހާ ޚިދުމަތަކަށް

އޮންލައިންކޮށް އެދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، 'ސްވައިޕް' ޑިޖިޓަލް

ވޮލެޓާއި، ވިސާ ޕްލެޓިނަމް ޑެބިޓް ކާޑާއި، ވިސާ އިންފިނިޓް ކްރެޑިޓް ކާޑުގެ އިތުރުން

އިންޑިއަން ރޫޕީ އަދި ޗައިނީޒް ޔުއާން އެކައުންޓްތައް ތައާރަފުކުރުން ހިމެނެއެވެ.

ވިސާ، އެމެކްސް، އަލީޕޭ+، ވީޝިން ޕޭ، ޔޫނިއަންޕޭ އަދި މާސްޓަރކާޑާއެކު ވެވުނު

ސްޓްރެޓިޖިކް ޕާޓްނަރޝިޕްތަކުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ނިޒާމު

އިތުރަށް ވަރުގަދަވެގެންދިޔައެވެ. މީގެ އިތުރުން، ބީއެމްއެލް ސްޓޫޑަންޓް ކާޑާއި،

މަސްވެރިންނަށް ފައިނޭންސް ކުރުމަށް 'މަސްވެރިޔާ ޕޯޓަލް' އާއި، ތިމާވެށި

ހިމާޔަތްކުރުމަށް 'އީއެންވީ ޕީއޯއެސް' ޕްރޮޖެކްޓާއެކު އެމެކްސްއާއި ގުޅިގެން

'އެކްސްޕީރިއަންސް މޯލްޑިވްސް' ކެމްޕޭން ފެށުންވެސް މިދިޔަ އަހަރުގެ ތެރޭގައި

ހިމެނެއެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ ޚިދުމަތްތައް

ފުޅާކުރުމަށް އެސްޑީއެފްސީ (މިހާރު އެސްއެމްއީ ޑިޖިޓަލް) ބޭންކުގެ ދަށަށް

ގެނައުމާއި، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން މާޗަންޓް ފީ %1 އަށް

ކުޑަކުރުމުގެ އިތުރުން، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމާއި

ޑިޖިޓަލް ބަދަލުތަކަށް ކުރި މަސައްކަތަށް 'ކޯރަސް' އަދި މާސްޓަރކާޑުން ވަނީ ބޭންކުގެ

އަގު ވަޒަންކޮށް، އެވޯޑްތައްވެސް ލިބިފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20

އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ

ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކާއި އެންމެ

ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ

އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ

މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް