ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ޚާއްޞަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމ...

29 Aug 2026 | 05:11
N/A

N/A

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ޚާއްޞަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ނިންމަވާލައްވައި ރާއްޖެ ވަޑައިގަންނަވަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ޣައްޒާގެ ސުލްޙައިގެ މަގުޗާޓު ތަންފީޒުކުރުމަށް އިސްތިޢުމާރީ އިސްރާއީލުން ފާޅުގައި ދެކޮޅު ހެދުމާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާ އިސްވެ ބޭއްވި މި ބައްދަލުވުމަށް ވަޒީރު ޖިއްދާއަށް ފުރާވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ.

އެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވަމުން ވަޒީރު ވަނީ އިސްތިޢުމާރީ އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ކުށްވެރިކުރައްވައި، އެ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ ޤާނޫނުތައް ތަންފީޒުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭގެ އިތުރުން 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވައިފައެވެ. ދެމެހެއްޓެނިވި ސުލްޙައަށް އޮތް މަގެއްގެ ގޮތުގައި ޣައްޒާ ހަމަނުޖެހުން ނިމުމަކަށް ގެނައުމުގެ ޕްލޭން ތަންފީޒުކުރުމަށް ވެސް ވަޒީރު ގޮވާލެއްވިއެވެ.

ވަޒީރު ސޯޝަލް މީޑިއާގައި ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އިސްލާމީ ޤައުމުތަކާ އެކު މަޝްވަރާކުރުމުގެ ފުރުޞަތު ލިބުނު ކަމަށްޓަކައި ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

ޖިއްދާ ބައްދަލުވުމުގެ ހަވާސާގައި ޚާރިޖީ ވަޒީރު ވަނީ އިސްލާމީ ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ރާއްޖެއާ އެ ޤައުމުތަކާ ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް