ނޯވޭގެ ރަސްގެފާނު ހެރަލްޑް ފަސްވަނަ އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

ނޯވޭގެ ރަސްގެފާނު ހެރަލްޑް ފަސްވަނަ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެ ގައުމުގެ ބޮޑުވަޒީރު ޔޯނަސް ގާރ ސްޓާރަރއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖ...

29 Aug 2026 | 04:45
N/A

N/A

ނޯވޭގެ ރަސްގެފާނު ހެރަލްޑް ފަސްވަނަ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެ ގައުމުގެ ބޮޑުވަޒީރު ޔޯނަސް ގާރ ސްޓާރަރއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ރަސްގެފާނު އަވަހާރަވި ހަބަރު އެއްސެވީ ނުހަނު ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޝާހީ އާއިލާއަށާއި ނޯވޭގެ ސަރުކާރަށާއި ރައްޔިތުންނަށް އިހްލާސްތެރި ތައުޒިޔާ ރައްދުކުރައްވާފައިވެއެވެ. ހެރަލްޑް ފަސްވަނައަކީ ނޯވޭގެ ޝާހީ ދައުލަތަށް އެ މަނިކުފާނުގެ މުޅި އުމުރުފުޅުގައި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވައި ސާބިތު ހިންގުންތެރިކަމެއް ދެއްކެވި ބޭފުޅެއް ކަމަށާއި އެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ނުހަނު އިސްކަން ދެއްވި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަސްގެފާނު އަވަހާރަވުމަކީ ހަމައެކަނި ނޯވޭގެ ރައްޔިތުންނަށް ކުރިމަތިވި ދެރައެއް ނޫން ކަމަށާއި އެ މަނިކުފާނުގެ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތައް ބަލައިގަންނަ ހުރިހާ ފަރާތްތަކަށް ވެސް ލިބުނު ފުން ހިތާމައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ރަސްގެފާނުގެ ހިދުމަތްތަކުގެ ހަނދާންތަކުން ޝާހީ އާއިލާއަށް ހިތްވަރާއި ތަސައްލީ ލިބި މި ހިތާމައިގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް ކެތްތެރިކަން ދެއްވުމަށް އުންމީދުކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ.

ރަސްގެފާނު ހެރަލްޑް ފަސްވަނައަކީ 1991 ވަނަ އަހަރުން ފެށިގެން ނޯވޭގެ ރަސްކަމުގެ ތަހުތުގައި އިންނެވި ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް