25 އަހަރު ޚިދުމަތް ކުރުމަށް ފަހު ރިޓަޔާކުރާ ފުލުހުންނަށް ހިލޭ ބޭސްފަރުވާ ލިބޭ ގޮތް ހަދަނީ

ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ހޭދަކުރުމަށް ފަހު ޝަރަފުވެރިކަމާ އެކު ރިޓަޔާކުރާ ފުލުހުންނަށް ވަޒީފާގައި ދެމިހުންނައިރު ލިބެމުންދާ ގޮތަށް ހިލޭ ބޭސްފަރުވާގެ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ...

29 Jun 2026 | 06:52
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު -- ފޮޓޯ: ޕޮލިސް

ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު -- ފޮޓޯ: ޕޮލިސް

ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ހޭދަކުރުމަށް ފަހު ޝަރަފުވެރިކަމާ އެކު ރިޓަޔާކުރާ ފުލުހުންނަށް ވަޒީފާގައި ދެމިހުންނައިރު ލިބެމުންދާ ގޮތަށް ހިލޭ ބޭސްފަރުވާގެ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ރޭ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ އަހުމަދު ވިދާޅުވީ ޝަރަފުވެރިކަމާ އެކު ރިޓަޔާކުރާ ފުލުހުންނަށް ލިބިދޭ އިނާޔަތްތައް ހިސާބުކުރުމުގައި އޮތް ލިމިޓަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އިނާޔަތް ކަނޑައަޅާނީ އެ ފުލުހަކު ޚިދުމަތް ކުރި މުއްދަތަށް ބެލުމަށް ފަހު ކަމަށާއި 25 އަހަރަށް ފަހު ރިޓަޔާކުރާ ފުލުހުންނަށް ފުލުހުންގެ ޚިދުމަތަށް ޚާއްޞަ އިންޝުއަރެންސް ޕެކޭޖުގެ ދަށުން ބޭސްފަރުވާ ހަމަޖެހޭނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ ދިރިއުޅުން ފަހިކުރެވޭނެ ގޮތްތައް ދިރާސާކުރައްވަމުން ގެންދަވާ ކަމަށާއި ފުލުހުންގެ ކަންކަން ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

"25 އަހަރު ވުމަށް ފަހު ރިޓަޔާކުރާ ފަރާތްތަކަށް ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލުން ބޭސް ފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް މިހާރު ނިންމާފައިވާ ވާހަކަ އަޅުގަނޑު މިއަދު އިއުލާނުކުރަން" ސީޕީ އަހުމަދު ވިދާޅުވިއެވެ.

ފުލުހުންގެ ވަޒީފާގައި މިހާރު އޮންނަ އުސޫލުން ވަޒީފާގައި ހުންނަ ފުލުހާއި އޭނާގެ އަނބި/ފިރި ދަރިންނާއި މައިންބަފައިންނަށް ހެލްތު އިންޝުއަރެންސް ލިބެއެވެ.

ސަރުކާރުގެ ބޭސްފަރުވާ އިންޝުއަރެންސްގެ ނިޒާމުގެ ތެރެއިން އާސަންދައާ އެކު ފުލުހުންނާއި ސިފައިންނަށް ވަކި އިންޝުއަރެންސެއް ކަނޑައަޅާފައިވާއިރު އެ އިންޝުއަރެންސްގެ ދަށުން ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް ޕްރައިވެޓް ހޮސްޕިޓަލްތަކުން ވެސް ހިލޭ ބޭސްފަރުވާ ހޯދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް