ބީއެމްއެލްގެ 43 ވަނަ އަހަރީ އާންމު ޖަލްސާގައި (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވާހަކަދައްކަވަނީ /ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި
މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ރޭ ވިދާޅުވީ، ބީއެމްއެލްގެ ބޯޑުން
ކަނޑައަޅާފައިވާ ރިސްކް އުސޫލުތަކާ ޚިލާފަށް ސަރުކާރުގެ ޓީ-ބިލް ނުވަތަ
ބޮންޑެއްގައި އިންވެސްޓްކޮށްފައި ނުވާނެ ކަމަށެވެ.
ބީއެމްއެލްގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ
ގޮތުން، ސަރުކާރުގެ ޓީ-ބިލާއި ޓީ-ބޮންޑްގައި އިންވެސްޓްކޮށްފައިވާ ޢަދަދު ވަނީ
15.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު ދެ
ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ސަރުކާރުގެ ޓީ-ބިލާ އެކު ރިވާސް ރީޕާޗޭސް،
ކޯޕަރޭޓް ބޮންޑް އަދި ވަކާލާ އިންވެސްޓްމެންޓްތައް ހިމެނޭ ގޮތުން ޖުމްލަ 20
ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ. އެއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު
ހަ ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ބީއެމްއެލްގެ 43 ވަނަ އަހަރީ ޢާންމު ޖަލްސާގައި ވާހަކަ
ދައްކަވަމުން ޝަރީފް ވިދާޅުވީ 2025 ވަނަ އަހަރު އިންވެސްޓްކުރި ޢަދަދު 2024 އަށް
ވުރެ ބޮޑު ނަމަވެސް، ބޯޑުން ކަނޑައަޅާފައިވާ ރިސްކް އުސޫލުތަކާ ޚިލާފުވެފައި
ނުވާނެ ކަމަށެވެ. "ދިވެހި ސަރުކާރުގެ ޓީ-ބިލާއި ބޮންޑްގައި ބޭންކުން ކުރާ
އިންވެސްޓްމެންޓްތަކުގައި އަބަދުވެސް ކެޕިޓަލަށް ރިޢާޔަތްކުރާ" ކަމަށާއި
"ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ރިސްކް އެޕެޓައިޓް ގައިޑްލައިންތަކާ
ޚިލާފުވެފައެއް ނުވާނެ" ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ބީއެމްއެލް އިން ޢާންމުކޮށް
އިންވެސްޓްކުރަނީ އެއް އަހަރު ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއްގެ
ޓީ-ބިލްތަކުގައެވެ. މިދިޔަ އަހަރު ޓީ-ބިލާއި ބޮންޑްގައި އިންވެސްޓްކޮށްފައިވާ
ޢަދަދަކީ ރޯލްއޯވާ ވެފައިވާ ޓީ-ބިލްތަކުން އައިސްފައިވާ ޢަދަދެއް ކަމަށާއި
"އެއީ އަލަށް އިންވެސްޓްކޮށްފައިވާ ޓީ-ބިލްތަކެއް ނޫން" ކަމަށް ވެސް
ޝަރީފް ވިދާޅުވިއެވެ. އޭގެ އިތުރުން، ޓީ-ބިލްގައި ދިވެހި ރުފިޔާއިން
އިންވެސްޓްކޮށްފައިވާ 192.8 މިލިއަން ޑޮލަރުގެ ތެރޭގައި ޔޫއެސް ޑޮލަރު
ޓީ-ބޮންޑަކަށް ބަދަލުކުރި ބައި ހިމެނޭ ކަމަށާއި، އެއީ ބޭންކުގެ ނެޓް އޯޕެން
ޕޮޒިޝަން ނުވަތަ ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓުގެ ނުރައްކާ ކުޑަކުރުމަށް އެޅި
މުހިންމު ފިޔަވަޅެއް ކަމަށް ޝަރީފް ސިފަކުރެއްވިއެވެ.
ބީއެމްއެލް އިން މިދިޔަ އަހަރު ވަނީ މާލީ ގޮތުން ރެކޯޑް
ނަތީޖާއެއް ހޯދާފައެވެ. ޓެކްސްއަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން
ރުފިޔާ ލިބިފައިވާ އިރު، އެއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 9.8 އިންސައްތައިގެ
ކުރިއެރުމެކެވެ. ޝަރީފް ވިދާޅުވީ އެއީ 43 އަހަރުގެ ތާރީޚުގައި ބީއެމްއެލް އަށް
ލިބުނު އެންމެ ބޮޑު ސާފު ފައިދާ ކަމަށެވެ. ބީއެމްއެލްގެ ޖުމްލަ އެސެޓް 55.8
ބިލިއަން ރުފިޔާއަށް އެރި އިރު، މިދިޔަ އަހަރު ފުރަތަމަ ފަހަރަށް 10 ބިލިއަން
ރުފިޔާ ލޯނާއި ފައިނޭންސިންގެ ގޮތުގައި ދޫކޮށްފައިވެއެވެ. އަދި 30،000 އަށް ވުރެ ގިނަ
އާ ކަސްޓަމަރުން ގުޅި، ކަސްޓަމަރުންގެ ޑިޕޮޒިޓް 2024 އާ އަޅައިބަލާއިރު 16
އިންސައްތަ އިތުރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް