މިނިސްޓަރު އިރުތިޝާމް އާދަމް -- ފޮޓޯ: ފޮރިން މިނިސްޓްރީ
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ ޚާއްޞަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވައިފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި މި ބައްދަލުވުމަކީ ވަޒީރު އިރުތިޝާމް ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯއައިސީގެ ފެންވަރުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ބައްދަލުވުމެވެ. ބައްދަލުވުމުގެ ހަވާސާގައި ވަޒީރު ވަނީ އޯއައިސީގެ ބައެއް މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި ރާއްޖެއާ ޖަމިއްޔާއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައިފައެވެ.
ވަޒީރު އިރުތިޝާމް ދެއްކެވި ވާހަކަފުޅުގައި އިސްތިއުމާރީ އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިފައި އާބާދީތައް ފުޅާކުރަމުންދާ ދިއުން ކުށްވެރިކުރެއްވިއެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތައް މެދުވެރިކޮށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ފިޔަވަޅެއް ނޭޅި އޮތް އޮތުމާ މެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ފަލަސްޠީނުގެ މައްސަލައަށް ހަރުދަނާ ޖަވާބެއް ދިނުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މުސްލިމް އުންމަތުގެ އެއް ހަމައެއްގައި ދެމެހެއްޓުމަށް މެމްބަރު ޤައުމުތައް ޢަޒުމް ކަނޑައެޅުމުގެ ޒަރޫރީކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިގެން މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް ވަކާލާތު ކުރުމުގައި ރާއްޖެ ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމަށެވެ. ޣައްޒާ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އެކުލަވައިލާފައިވާ ޝާމިލް ޕްލޭން ތަންފީޒުކޮށް ދެމެހެއްޓެނެވި ސުލްޙައެއް ޤާއިމުކުރުމަށް ޢަމަލީ ފިޔަވަޅުތައް އެޅުމަށް ވެސް ވަޒީރު ގޮވައިލެއްވިއެވެ.
57 މެމްބަރު ޤައުމު ހިމެނޭ އޯއައިސީ އަކީ ފަލަސްޠީނު ރައްޔިތުންގެ ދައުލަތެއް ޤާއިމުކުރުމުގެ އުންމީދުގައި ވަކާލާތު ކުރާ އެންމެ ބޮޑު ބައިނަލްއަޤުވާމީ ޖަމިއްޔާތަކުގެ ތެރޭގައި ހިމެނޭ ޖަމިއްޔާއެކެވެ. ރާއްޖެއިން 1976 ވަނަ އަހަރު އެ ޖަމިއްޔާގައި ބައިވެރިވީއްސުރެ ޙަރަކާތްތެރި ދައުރެއް އަދާކުރަމުން ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް